ސ. ފޭދޫގައި ހުރި އެސްޓީއޯ 123 ނަންބަރު ފިހާރަ ހުރި ބިން ކައުންސިލަށް ނަގަން ނިންމައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ މި ބިން ކައުންސިލަށް ނެގުމަށް ނިންމީ ފޭދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ފިލުވައި ދިނުމަށް ކައިރިން ބިމެއް ހޯދައި ދިނުމަށް ކަމަށެވެ.
މަރަދޫ ދާއިރާގެ ކައުންސިލަރު އަބްދުﷲ ޠޮއްޔިބް (ޓޮމް) މިއަދު ވިދާޅުވީ ކައުންސިލުން އެސްޓިއޯގެ ބިން ނަގަނީ ބަދަލުގައި ލިންކު ރޯޑުން ބިމެއް ހަމަޖެއްސުމަށް ފަހު ކަމަށެވެ.
"ފޭދޫ ސްކޫލްގެ ޖާގައިގެ ދަތިކަން ބޮޑުވެ އެކަމަށް ހައްލެއް ހޯދައި ދިނުމަށް ބިން ނެގުމަށް ނިންމީ. އަދި ބަދަލުގައި އެސްޓީއޯއަށް ފޭދޫ ލިންކް ރޯޑު ސަރަހައްދުން ވަނީ ބިމެއް ހަމަޖައްސައި ދީފައި." ޓޮމް ވިދާޅުވި އެވެ.
ޓޮމް ވިދާޅުވީ އެސްޓީއޯއިން ކައުންސިލުން އެދުނު އެދުމަށް ވަރަށް ފުރިހަމަ އަށް އިޖާބަދީ ބިން ސްކޫލަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެސްޓީއޯ އަށް މިހާރު ދޫކޮށްފައި ވަނީ ކުރީގެ އެއާ މޯލްޑިވްސް އަށް ފޭދޫ ލިންކް ރޯޑުން ދޫކޮށްފައި އޮތް ބިމެވެ. އެއީ އަންދާލި ފޭދޫ ކޯޓް ސަރަހައްދުގައި ވަށައި ފާރު ރާނާފައިވާ ބިމެވެ.
އައްޑޫގައި ކާޑުގެ ބަވަތްތައް ވިއްކާ އެސްޓިއޯ ފިހާރަ ކައުންސިލުން ނަގަން އުޅޭތީ ފޭދޫގެ އާއްމު ރައްޔިތުންގެ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ކުއްލި ގޮތަކަށް މިކަން ކައުންސިލުން ނިންމުމާއި ގުޅިގެން ކައުންސިލަށް ވެސް ވަނީ ބޮޑެތި ފާޑު ކިއުންތައް އަމާޒުވެފަ އެވެ.
ޓޮމް ވިދާޅުވީ ފޭދޫ ސްކޫލްގެ ޖާގައިގެ ދަތިކަން ހައްލުކޮށްދިނުމަކީ ކައުންސިލަށް ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި އެކަން އެގޮަތަށް އޮތްކަމަށް އެސްޓީއޯ އިން ގަބޫލްކޮށް އެތަން ދޫކޮށް ދިނީ ކަމަށެވެ.
އެސްޓިއޯގެ މެނެޖިން ޑިރެކްޓަރ ޝާހިދް އަލީ (ޝާޑް) ވިދާޅުވީ ކައުންސިލް އަށް ބިން ދޭން ނިންމާފައިވާ ކަމަށާއި ފިހާރަ އެއްކޮށް ބަންދުކޮށްލާނެ ވަކި ތާރީހެއް އަދި ނުނިންމާކަމަށެވެ. އެހެން ނަަމަވެސް ވަރަށް އަވަހަށް ފިހާރަ އެއްކޮށް ހުސްކޮށް ކައުންސިލާއި ހަވާލުކުރާނެކަމަށެވެ.