ޚަބަރު

ވޯޓްލާ ދުވަސް ބަންދުކުރަން ހުށައެޅި މައްސަލަ ބޭރުކޮށްލައިފި

ރިޔާސީ އިންތިޚާބު ބާއްވާ ދުވަސް (23 ސެޕްޓެމްބަރ 2018) އަކީ ރަސްމީ ބަންދު ދުވަހެއް ކަމުގައި ކަނޑައަޅައި ދިނުމަށް އެދި ކުރީގެ ބަަންޑާރަ ނާއިބް އަލްއުސްތާޒު ހުސްނުއްސުއޫދު ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.

މިދިޔަ އަންގާރަ ދުވަހު ސުޕްރީމް ކޯޓަށް ހުށަހެޅި އެމައްސަލައިގެ ޖަވާބާއެކު ސުއޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ވޯޓު ލާ ދުވަހަކީ ބަންދު ދުވަހެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަނެ ބޭރު ކޮށްލާފައިވާ ކަމަށެވެ.

ސުއޫދު ސުޕްރީމް ކޯޓަށް ހުށައަޅުއްވާފައިވާ މައްސަލާގައި ބުނެފައިވަނީ މި އަހަރުގެ ރިޔާސީ އިންތިޚާބު ބާއްވަވަން އިލެކްޝަންސް ކޮމިޝަން އިން ނިންމަވާފައިވާ ދުވަސް (23 ސެޕްޓެމްބަރު 2018) އަކީ ސަރުކާރުގެ ރަސްމީ ބަންދު ދުވަހެއް ކަމުގައި ނުވާތީއާއި، އެންމެހާ ރައްޔިތުންނަށް ވޯޓުލުމުގެ ޙައްޤު ބޭނުންކުރުމަށް މަގު ފަހިކޮށްދިނުމަކީ މުޅި ދައުލަތުގެ އެންމެހާ ފަރާތްތަކުގެ މައްޗަށް އޮތް ވާޖިބެއްކަމުގައިވީ ހިނދު، މީގެ ކުރިން ރާއްޖޭގައި ބޭއްވިފައިވާ ހުރިހާ އިންތިޚާބުތަކާ ޚިލާފަށް މި އަހަރުގެ ރިޔާސީ އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސަވާފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ނުވުމުގެ ސަބަބުން އެ ދުވަހު ވޯޓުލުމުގައި ދިވެހި ރައްޔިތުންނަށް ދިމާވެދާނެ ތަކުލީފުތަކާއި އުނދަގޫތަކާއި ތުރާ ފިލުވުމުގެ ގޮތުން އެ ދުވަހަކީ ސަރުކާރުގެ ރަސްމީ ބަންދު ދުވަހެއް ކަމަށް ކަނޑައަޅުއްވައި ދެއްވުމަށް ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އަމުރުކޮށްދެއްވުމަށެވެ.

އެ މައްސަލައިގެ ޖަވާބެއްގެ ގޮތުގައި ސުޕްރީމް ކޯޓުން ބުނީ އެއީ ސުޕްރީމް ކޯޓުގެ ޤަވާއިދުގެ ދަށުން ބަލައިގަންނަންޖެހޭ ފަދަ ދުސްތޫރީ މައްސަލައެއް ކަމަށް ނުފެންނާތީ، އެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމަވާފައިވާ ކަމަށެވެ.

މީގެ ކުރިން ރާއްޖޭގައި ބޭއްވުނު ގިނަ އިންތިޚާބުތަކުގައި ވޯޓް ނެގުން ކުރިއަށް ގެންގޮސްފައިވަނީ ހޮނިހިރު ދުވަހުއެވެ. ޚާއްސަކޮށް ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި، ކައުންސިލް އިންތިޚާބު އަދި އެ އިންތިޚާބުތަކާއި ގުޅުންހުރި ހުރިހާ ބައި އިލެކްޝަންތަކުގެ ވޯޓް ނެގުންވެސް ކުރިއަށް ގެންގޮސްފައިވަނީ ހޮނިހިރު ދުވަހުއެވެ. އެގޮތަށް ކުރިއަށް ގެންދަނީ ރަސްމީ ބަންދު ދުވަހެއްގައި އިންތިޚާބުގެ ވޯޓް ނެގުން ކުރިއަށްގެންދާތީ، ވީހާވެސް ގިނަ ބަޔަކަށް ވޯޓްގައި ބައިވެރިވެވޭނެކަމަށް ބަލައިގެންނެވެ.

އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ރަސްމީ ދުވަހެއްގައި ވޯޓުލުން ބާއްވަން ނިންމާފައިވަނީ ވޯޓުލާން ދާ މީހުން މަދު ކުރުމަށެވެ.