ޚަބަރު

ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ހުޅުވާލައިފި

ފޮޓޯ: ރާއްޖެއެމްވީ

ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ތަރުޖަމާނުން ހަމަޖައްސަން ޖެހޭ ޙާލަތްތަކުގައި، ފަސޭހަކަމާއެކު އެކަން ހަމަޖެއްސުމުގެ މަގު ޝަރުޢީ ކޯޓުތަކަށް ފަހިކޮށްދިނުމުގެގޮތުން، ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގައި ޤާއިމްކުރެވިފައިވާ ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު އެ ޑިޕާޓްމަންޓުން ހުޅުވާލައިފި އެވެ.

ޑީޖޭއޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ދަފްތަރު ބެހިގެންވަނީ ދެބަޔަކަށް ކަމަށެވެ. އެއީ ބަސް ތަރުޖަމާކޮށްދޭ މީހުންގެ ލިސްޓާއި އަޑުއިވުމާއި، ވާހަކަ ދެއްކުމުން މަހުރޫމުވެފައިވާ މީހުންގެ ތަރުޖަމާނުންގެ ލިސްޓެވެ.

އެ ޑިޕާޓްމަންޓުން ބުނީ މެޖިސްޓްރޭޓް ކޯޓުތަކުގައި ކުރެވޭ ޝަރީޢަތްތަކަށް ފަސޭހަކަމާއެކު ތަރުޖަމާނުން ހަމަޖެއްސުމުގެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި، މިކަމަށް އަތޮޅުތެރޭގައި ދިރިއުޅުއްވާ ފަރާތްތަކުގެ އެއްބާރުލުންވެސް ވަރަށް މުހިންމު ކަމަށެވެ.

އެ އިއުލާނުގައި ވާ ގޮތުން ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ދަފްތަރުގައި ހިމަނާނީ، އެކަމަށްޓަކައި ކުރެވޭ އިންޓަވިއުއަށް ބަލައި، ތަރުޖަމާކުރުމުގެ ޤާބިލުކަން އެކަށޭނެ މިންވަރަކަށް ހުރި ފަރާތްތަކެވެ.

ޑީޖޭއޭ އިން ބުނީ ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން ފަރާތެއްގެ އެހީތެރިކަން ޝަރުޢީ ކޯޓަކުން ހޯދައިފިނަމަ، ގަޑިއަކަށް -/400 (ހަތަރު ސަތޭކަ) ރުފިޔާގެ ރޭޓުން އުޖޫރަދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމާއި، ފޯމާއެކު ހުށަހަޅަންޖެހޭ އިޤްރާރު، އެ ޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv އިން ލިބޭނެ އެވެ.

ޑީޖޭއޭ އިން ބުނީ އެޕްލިކޭޝަން ފޯމް ހުށަހަޅާނީ އެ ޑިޕާޓްމަންޓްގެ ކައުންޓަރަށް ކަމަށެވެ. އަދި admin@judiciary.gov.mv އަށް އީ-މެއިލް މެދުވެރިކޮށް ވެސް ހުށަހެޅޭނެ ކަމަށެވެ.