ޚަބަރު

އިދިކޮޅު އިއްތިހާދުގެ ޖަލްސާ އަށް ދަރުބާރުގެ ދޫކުރަނީ

އަންނަ ހުކުރު ދުވަހު އިދިކޮޅު އިއްތިހާދުގެ ބޮޑު ޖަލްސާއެއް ބާއްވަން މާލޭގެ ކާނިވާ ސަރަޙައްދުގެ ބަދަލުގައި ދަރުބާރުގެ ރަންނަބަނޑޭރި މާލަން އެމްޑީޕީ އަށް ދޫކުރުމަށް ހައުސިންގ މިނިސްޓްރީން މިއަދު ނިންމައިފި އެވެ.

މިއީ މިފަހަކަށް އައިސް އިދިކޮޅު ފަރާތްތަކުގެ ޙަރަކާތެއް ބޭއްވުމަށް ދައުލަތުގެ ބިމެއް ނުވަތަ އިމާރާތެއް އެ ފަރާތްތަކަށް ދޭން ނިންމި ފުރަތަމަ ފަހަރެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ގުޅިގެން، އިދިކޮޅު ފަރާތްތަކުގެ ބޮޑު ޖަލްސާއެއް ބާއްވަން މާލޭ ކާނިވާ ސަރަޙައްދު ދޫކޮށްދޭން މީގެ ހަތަރު ދުވަސް ކުރިން ހައުސިންގ މިނިސްޓްރީގައި އެމްޑީޕީ އިން ވަނީ އެދިފައެވެ.

އެ މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް އަހުމަދު ފަޒާލް އާއި ހަވާލާދީ "މިހާރު" އިން ރިޕޯޓްކުރާ ގޮތުގައި އެމްޑީޕީ އަށް ކާނިވާ ސަރަހައްދު ދޫނުކުރީ، އެ ސަރަހައްދުގެ ބޭރު މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރަމުންދާތީ، އެ ސަރަހައްދު މި ދުވަސްކޮޅު އެއްވެސް ހަރަކާތެއް ބާއްވަން ދޫކޮށްފި ނަމަ، ތާރު އެޅުމުގެ މަސައްކަތަށް ދަތިވާނެތީ ކަމަށެވެ.

އެހެންކަމުން އިދިކޮޅު އިއްތިހާދުގެ ޖަލްސާ ބޭއްވުމަށް ދަރުބާރުގެ ރަންނަބަނޑޭރި މާލަން ދޭން ނިންމިކަން އެމްޑީޕީއަށް ސިޓީއަކުން އަންގައި، ޤަވާއިދާ އެއްގޮތަށް ފައިސާ ދައްކަން ވެސް އަންގާފައިވާ ކަމަށް ފަޒާލް ވިދާޅުވި އެވެ.

ފަޒާލް ވިދާޅުވީ ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަން އެމްޑީޕީ އަށް ދޫކުރުމަށް ނިންމީ، ހުރިހާ ކެންޑިޑޭޓުންނަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ދޭން ސަރުކާރުން ބޭނުން ވާތީ ކަމަށެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 23 ވާ އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ހުރިހާ ފަރާތްތަކަށް ވެސް ހަމަހަމަ ފުރުސަތު ދޭން ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް އެޓާނީ ޖެނެރަލް (އޭޖީ) ވަނީ މިދިޔަ މަހު އަންގަވާފައެވެ.