ޚަބަރު

އ.ދ.ގެ އެސިސްޓެންޓް އެސްޖީ އާއި ރައީސް ޔާމީން ބައްދަލުކުރައްވައިފި

އ.ދ.ގެ ސިޔާސީ ދާއިރާއާއި ބެހޭ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް މިސްޓަރ މިރޮސްލާވް އެންކާ އާއި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ބައްދަލުކުރައްވައިފި އެވެ.

މިބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި، މިސްޓަރ މިރޮސްލާވް އެންކާއަށް މަރުހަބާ ވިދާޅުވެ އ.ދ.ގެ ސެކްރެޓަރީ ޖެރެރަލްއަށް ދިވެހިރާއްޖޭގެ ރައްޔިތުންގެ ނަމުގައާއި އެމަނިކުފާނުގެ އަމިއްލަފުޅު ނަންފުޅުގައި ހެޔޮއެދުންތައް އަރިސްކުރެއްވިއެވެ.އަދި މި ބައްދަލުކޮށްލެއްވުމުގައި އެމަނިކުފާނު ވަނީ ކުރިއަށްއޮތް ދުވަސްތަކުގައިވެސް ރާއްޖެއާއި އ.ދ. އާއިދެމެދު އޮތް ގާތްކަން އޮންނާނެކަމުގެ ޔަޤީންކަން އ.ދ. ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލްއަށް ދެއްވާފައެވެ.

މިބައްދަލުކޮށްލެއްވުމުގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިފަހަރުގެ އިންތިޚާބަކީވެސް މިނިވަން މުސްތަޤިއްލު އިންތިޚާބަކަށް ހެއްދެވުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި އ.ދ. ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް ވަޑައިގަތުމަށް އެމަނިކުފާނަށް ދައުވަތުދެއްވިކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި މި ސަރުކާރުން ހޯދާފައިވާ އިޤުތިޞާދީ ކާމީޔާބީތަކަށް ތަޢުރީފުކުރައްވާ މި ކާމިޔާބީގެ އަސްލަކީ ރައީސް ޔާމިން ކަމުގައި އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ކުރިއަށް އޮތް ރިޔާސީއިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހެދުމަށްޓަކައި ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނާއި ގުޅިގެން މަސައްކަތް ކުރައްވަން އ.ދ.އިން ތައްޔާރަށް އޮތްކަން ފާހަގަކުރެއްވެވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސް ޔާމީންގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމާއި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ މުހައްމަދު ޝައިނީއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ފޮރ ލީގަލް އެފެއާޒް އަލްއުސްތާޛާ އާޒިމާ ޝަކޫރު އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.