މިއަހަރު މީހުން ހައްޖަށް ގެންދިއުމަށް ރާއްޖެއަށް އަލަށް ލިބުނު 1000 ކޯޓާގެ ތެރެއިން 900 ކޯޓާ ހައްޖު ކޯޕަރޭޝަނަށް ދީފިއެވެ.
މިއަހަރު ހައްޖަށް މީހުން މިހާރު ވަނީ ފުރަން ފަށާފައެވެ.
މިއަދު މީޑިއާއަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ އަލަށް ލިބުނު ކޯޓާއިން މީހުން ހައްޖަށް ގެންދިއުމަށް ކުރަން ޖެހޭ އިދާރީ މަސައްކަތްތައް މިހާރު ކުރަމުން ގެންދާ ކަމުގައެވެ.
މިފަހަރު ލިބުނު 1000 ކޯޓާގެ ތެރެއިން 900 ކޯޓާ ހައްޖު ކޯޕަރޭޝަނަށް ދީފައިވާ އިރު 100 ކޯޓާ ދީފައިވަނީ މިއަހަރު ހައްޖަށް ގެންދިއުމަށް ހުއްދަ ދީފައިވާ ދެ ކުންފުންޏަކަށެވެ.
ހައްޖު ކޯޕަރޭޝަނާއި އެކު މިއަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް ފަސް ކުންފުންޏަކަށް ވަނީ ހުއްދަދީފައެެވެ.
މީގެ ކުރިންވެސް ބައެއް އަހަރު ތަކުގައި ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް ސައުދީ ސަރުކާރުން އިތުރު 1000 ކޯޓާ ދީފައި ވެއެވެ. ނަމަވެސް ވަގުތު ކުޑަތަންވެފައި ވަނިކޮށް ކޯޓާ ލިބުމުން ކޯޓާ ފުލްވަންދެން މީހުން ހައްޖަށް ފޮނުވުމުގައި ދަތިތަކާއި ކުރިމަތި ވެއެވެ.
ސައުދީ އަރަބިއްޔާގެ ޖެނެރަލް ޑިރެކްޓޮރޭޓް އޮފް ޕާސްޕޯޓްސް އިން ހޮނިހިރު ދުވަހު ހާމަކުރި ގޮތުގައި ހައްޖުގެ އަޅުކަން އަދާކުރުމަށް އެގައުމަށް ދިޔަ މީހުންގެ އަދަދު ވަނީ 719،385 އަށް އަރާފައެވެ.
އެ އަދަދަކީ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު 44،157 ހައްޖުވެރިން އިތުރުވުމެކެވެ.