Last Updated: June 10, 20:13
Wednesday, June 10, 2026
ވިޔަފާރި

ވިލާގެ އައިސް ބާޖް ގެނެސްފި

ރާއްޖޭގެ މަސްވެރިންނަށް ހެޔޮ އަގެއްގައި އައިސް ފޯރުކޮށް ދިނުމުގެ ގޮތުން އައިސް އުފެއްދުމަށް ތައްޔާރުކޮށްފައިވާ ޚާއްސަ ބާޖެއް ވިލާ އިން ރާއްޖެ ގެނެސްފި އެވެ.

ތައިލޭންޑުގައި ބަނދެފައިވާ މި ބާޖު އިއްޔެ ރާއްޖެ ގެނެސްފައިވާ އިރު، މި ބާޖު އޮޕަރޭޝަނަށް ނެރެވޭނެ ކަމަށް ލަފާކޮށްފައި ވަނީ ކޮމިޝަން ކުރެވޭތާ ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ކަމަށް އެނގިފައިވެ އެވެ.

ދިގު މިނުގައި 182 ފޫޓު އަދި ފުޅާމިނުގައި 64 ފޫޓު ހުރި މި ބާޖަކީ، ޖުމްލަ 749 ޓަނުގެ އައިސް އުފެއްދޭ ގޮތަށް ފަރުމާކޮށްފައިވާ ބާޖެކެވެ.
ބާޖު ކޮމިޝަން ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ވިލާ ޝިޕިން އެންޑް ޓްރޭޑިންގެ އިންޖިނިއަރިން ކޮންސަލްޓެންޓް އަދި މި މަޝްރޫއުގެ ޕްރޮޖެކްޓް މެނޭޖާ އަބްދުﷲ ނާޝިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކޮމިޝަން ކުރުމުގެ ކުރިން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ބާޖު މާމިގިއްޔަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު، ކޮމިޝަން ކޮށް ކުރަން ޖެހޭ އިތުރު މަސައްކަތްތައް ކުރާނީ ކަމާއި ބެހޭ ބޭރުގެ ތަޖުރިބާކާރުންގެ އެހީގައި ކަމަށެވެ.

އައިސް އުފެއްދުމަށް ޚާއްސަކޮށްގެން ވިލާ ގްރޫޕުން ބޮޑު ބާޖެއް ގެނެސްފައި މިވަނީ، މިދިޔަ ފެބުރުއަރީ މަހު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް އައްޑު ކުރެއްވި ދަތުރުފުޅެއްގައި މުޅި ދެކުނުގެ މަސްވެރިންނަށް ޚާއްސަކޮށްގެން އައިސް ލިބޭނެ މަގުފަހިކޮށް ދިނުމަށް އައިސް އުފެއްދުމަށް ޚާއްސަ ބޯޓެއް އައްޑު އަށް ފޮނުއްވާނެ ކަމަށާއި، އެކަމުގެ އަމަލީ މަސައްކަތް ފެށޭތަން ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.

އައްޑު އަށް ކުރެއްވި ދަތުރުފުޅުގައި އެ މަނިކުފާނު ވިދާޅުވެފައި ވަނީ އޭޕްރީލް މަހުގެ ތެރޭގައި މުޅި ދެކުނުގެ މަސްވެރިންނަށް ޚާއްސަކޮށްގެން އައިސް ލިބޭނެ ޚާއްސަ ބޯޓެއް، އައްޑޫގައި ބާއްވާނެ ކަމަށެވެ.
އަދި އެ ބޯޓުން މަސްގަނެ މަސްވެރިންނަށް އައިސް ލިބޭނެ ކަމަށާއި، އެ ބޯޓުގައި ކަނޑުގެ ބޮޑު ސަރަހައްދެއް ބަލާލެވޭ ވަރުގެ ރާޑަރެއް ހުންނާނެ ކަމަށް ވެސް ޤާސިމް އިބްރާހިމް ވިދާޅުވެފައިވެ އެވެ.

އައިސް ޕްލާންޓެއްގެ އިތުރުން އައްޑޫގެ ތަރައްޤީއަށްޓަކައި، ފެން އުފެއްދުމަށްޓަކައި ފެން ޕްލާންޓަކާއި، ގޭސް ޕްލާންޓެއް ޤާއިމްކޮށް ދެއްވާނެ ކަމަށް ވެސް ގާސިމް އައްޑު އަށް ކުރެއްވި ދަތުރުގައި ވަނީ ވިދާޅުވެފަ އެވެ.