Last Updated: March 28, 14:17
Thursday, March 28, 2024
ރިޕޯޓް

ހިތްވަރު ހޯދަންވީ ވާފިރު ފަދަ ބޭފުޅުންގެ ކިބައިންނެވެ.

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހާއި އެމަނިކުފާނުގެ އިންތިޚާބީ ބައިވެރިޔާ ފައިސަލް ނަސީމު ދާދިފަހުން އައްޑުވަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މީދުވަށް ވަޑައިގެން އެންމެ ފުރަތަމަ ޒިޔާރަތްކުރެއްވި ގެޔަކީ މިހާރު ޚިދުމަތުން ވަކިވެވަޑައިގެންހުންނެވި ސިވިލްސާވަންޓެއް ކަމަށްވާ އަލީ ވާފިރުގެ ގެއެވެ. އަޅުގަޑު ކުޑައިކޮށް ހައިރާންވިއެވެ. އެކަހަލަ ދެތިން ސަބަބެއްވެސް އޮތީމައެވެ. އަލީ ވާފިރަކީ ރައީސް ޔާމީނުގެ ޕާޓީކަމަށްވާ ޕީޕީއެމްގެ މެންބަރެކެވެ.

އަލީ ވާފިރުގެ ޕްރޮފެޝަނަލް ކެރިއަރުގެ ވަރަށް ކުރީކޮޅުން ފެށިގެން ރައީސް ޔާމީނުގެ އާއިލާއާއި ވަރަށް ބަދަހި ގުޅުމެއް އޮވެއެވެ. އެންމެފަހުން ބޭއްވުނު ރިޔާސީ އިންތިޚާބުގެ ތެރޭގައި ސީދާ ޔާމީނުގެ އެދިވަޑައިގަތުމަކަށް އަލީ ވާފިރު ވަނީ އެ ކެމްޕޭނުގައި ވަރަށް އިސް ދައުރެއް އަދާކުރައްވައި ރާއްޖޭގެ ރިޔާސަތުގެ ދާނުގައި ޔާމީނު ވަޑުވައިފައެވެ. އެފަހަރު މީދުވަށް ވަޑައިގެންފައި ޔާމީނު އެންމެފުރަތަމަވެސް ޒިޔާރަތް ކުރެއްވި ގެޔަކީ އަލީ ވާފިރުގެ ގެއެވެ. އެހެންވީމާ އެފަދަ ބޭފުޅެއްގެ އެފަދަ ގެޔަކަށް ރައީސް ޔާމީނު ވެރިކަމުން ބޭލުމަށް މަސައްކަތްކުރައްވާ ބޭފުޅުން ވަޑައިގެންނެވުން އާދައިގެ ކަމަކަށް ނުވާނެއެވެ. އަދި އެބޭފުޅުންނަށް ވާފިރު ވިދާޅުވި ހުޅުވިފައިވާ ހޫނު މަރުހަބާއަކީވެސް އާދައިގެ މަރުހަބާއަކަށް ނުވާނެއެވެ. މިކަންކަމުގެ ސަބަބަކީ ކޮބައިބާވައެވެ.

ސަބަބަކީ ދީނާއި ގައުމެވެ. ދުސްތޫރާއި ރައްޔިތުންގެ ހައްގުތަކެވެ. ޔާމީނަށް ދެހާސް ތޭރައިގައި އަލީ ވާފިރު ކުރެއްވި ތާއީދަކީ ގައުމާއި ދީނާއި ރައްޔިތުންނަށް އިޚުލާސްތެރިވެވަޑައިގެން ހެޔޮވެރިކަމެއް ކުރައްވައި ގައުމަށް ވަފާތެރިވެވަޑައިގަންނަވާނެ ކަމުގެ އުއްމީދުގައި ކުރެއްވި ތާއީދެކެވެ. އުއްމީދުކުރެއްވި އެއްވެސް ސިފައެއް ރައީސް ޔާމީނުގެ ކިބައިން ފެނިވަޑައިނުގެންނެވީމާ މިހާރު އަލީ ވާފިރު އެހުންނެވީ އަނެއްކާވެސް ގައުމާއި ރައްޔިތުންގެ ފަޅީގައެވެ. ބޮޑު ފަޅީގައެވެ. ގައުމު ހަމަމަގަށް އަޅުވައި އަނިޔާވެރިކަމާއި ޚިޔާނާތާއި ފަސާދަ ފުހެލުމަށް ރައްޔިތުން ކުރަމުންދާ މަސައްކަތްތަކުގައި ބައިވެރިވެވަޑައިގެންނެވެ. އަލީ ވާފިރަށް މުހިއްމީ ރަހުމަތްތެރިކަމާއި ޕާޓީއެއް ނޫނެވެ. މުހިއްމީ ގައުމާއި ރައްޔިތުންނެވެ.

އަލީ ވާފިރު އެރަށަކަށް ނިސްބަތްވެވަޑައިގަންނަވާ މީދޫއާ ދޭތެރޭ ރައީސް ޔާމީނުގެ ސަރުކާރުން ވެފައިވާ އިހުމާލަކީ ދުލަކުން ގަލަމަކުން ބަޔާންކުރަން ފަސޭހަ އިހުމާލެއް ނޫނެވެ. އޭގެ މައްޗަށް އެތައްހާސް ސަފުހާއެއް ލިޔެގެން ނޫނީ ބަޔާން ނުކުރެވޭވަރުގެ އިހުމާލެކެވެ. ގައުމުގެ ދުސްތޫރު އޮތީ އިރާލައިފައެވެ. އަނިޔާވެރިކަން އޮތީ މުޅި ގައުމުގައި ފެތުރިފައެވެ. މުޅި އޮޑީގައި ހަސަނުގެ ދެފަޔޭ ބުނާހެން މުޅިގައުމުގައި ޔާމީނުގެ ދެކަނބަލުންގެ ފަޔެވެ. މިނިވަން މުވައްސަސާއެއްގެ މިނިވަންކަމެއް ނަޒާހަތްތެރިކަމެެއް ނެތެވެ. ގައުމު ދަރުވާލައިފިއެވެ. ގައުމު އޮޔާގޮސް އަވަދިވެއްޖެއެވެ. މީދޫއަށް ނިސްބަތްވެވަޑައިގަންނަވާ މީދޫގެ ފަޚުރުވެރި ދަރިއެެއްކަމަށްވާ އަލްއުސްތާޒު އަބްދު ﷲ ސައީދާ ދޭތެރޭ ރައީސް ޔާމީނު އަމަލު ކުރެއްވި ގޮތުގެ ވާހަކައަކީ ލަދުހުތުރު ވާހަކައެކެވެ. މިހިރަމިހިރަ ކަންކަމަކީ ޔާމީނު ވެރިކަމަށް ގެންނަވަން އަލީ ވާފިރު މަސައްކަތް ކުރެއްވި ނިޔަތާ މުޅިން ފުށުއަރާ ކަންކަމެވެ. އެހެންވީމާ މިވެރިކަން ނިމުމަކަށް ގެނެސް ރައްޔިތުންގެ އަތްމައްޗަށް ބާރުތައް އަލުން ނުގެނެވެނީސް ހިތްހަމަޖެހުމެއް ނެތެވެ. އަލީ ވާފިރު ހުންނެވީ ގައުމާއި ރައްޔިތުންނަށް ދަރާފައިވާ ދަރަންޏެއް އަދާކުރެއްވުމުގެ މަތިވެރި ގައުމީ މަސައްކަތުގައެވެ.

އަލީ ވާފިރު ވިދާޅުވާ ގޮތުގައި މިމަސައްކަތުގައި އޭނާ ދެމިހުންނަވާނީ ހަމަ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައެވެ. ޕީޕީއެމްގެ އަސާސީ ގަވާއިދާއި އުސޫލުތަކުގައި ހިފަހައްޓަވައިގެންނެވެ. އެހެންވީމާ ޕާޓީ ދޫކޮށްލެއްވުމުގެ ސުވާލެއްވެސް ނެތެވެ. ޕާޓީން ވަކިވާން ޖެހޭނީ މިހާރު އުސޫލާއި ހަމަތަކުން ބޭރުގައި ޕާޓީ ހިސޯރުކޮށްގެން އެތިބަ މީހުންނެވެ. އިރާދަކުރެއްވިއްޔާ ޕީޕީއެމްގެ ހަގީގީ މެންބަރުންގެ އަތްމައްޗަށް ޕީޕީއެމް އަދި އަންނާނެއެވެ. އެދުވަސް ދެން އޮތީ ނުހަނު ގާތުގައެވެ.

ޕާޓީ ކުލަތަކާހެދި ހައްގާއި ބާތިލްވަކިކޮށް ދެނެގަތުމަށް ދަތިވެފައިވާ މީހުންނަށް އަލީ ވާފިރުގެ މެސެޖަކީ މިއީއެވެ. މިއީ ޕާޓީވަންތަ ވިސްނުމަކުން ފައިސަލާކުރުމުގެ ހާލަތެއް ނޫނެވެ. މިއީ ހާލަތުއްޒަރޫރާއެވެ. މިއީ ގައުމީ ވިސްނުމަކުން ވިސްނައި ފައިސަލާކުރުމުގެ ހާލަތެވެ. އިބްރާހިމް މުހައްމަދު ސާލިހާއި ފައިސަލް ނަސީމު ނިކުމެވަޑައިގެން އެތިއްބެވީ ގައުމީ ކޯލިޝަނެއްގެ ތެރެއިންނެވެ. ހަގީގީ ޕީޕީއެމްގެ ފިކުރާއި އުސޫލުތައްވެސް އެއޮތީ އެކޯލިޝަނުގެ ތެރޭގައެވެ. ރައީސް މައުމޫނާއި ޝައިޚް އިމްރާނުވެސް އެތިއްބެވީ ގައުމީ ކޯލިޝަންގެ ތެރޭގައެވެ. އެހެންވީމާ ގައުމު ސަލާމަތްކުރުމަށްޓަކައި ގައުމަށް ހެޔޮއެދޭ އެންމެހައި ރައްޔިތުން އަރަންވީ އޮޑިޔަކީ މިއޮޑިއެވެ. އިތުބާރުކުރަންވީ އިބްރާހިމް މުހައްމަދު ސާލިހާއި ފައިސަލް ނަސީމަށެވެ. ވޯޓުދޭންވީ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށެވެ. ވޯޓުދޭންވީ ގައުމަށްޓަކައެވެ.

އަލީ ވާފިރުގެ މިވާހަކަފުޅުތައް އިވުނީމާ އަޅުގަޑުގެ ހިތަށް އެރީ މިހެންނެވެ. ވަރަށްވެސް ތެދު ވާހަކަފުޅެކެވެ. އަޅުގަޑުމެން ހިތްވަރު ލިބިގަންނަންވީ މިފަދަ ބޭފުޅުންގެ ކިބައިންނެވެ. މިފަދަ މިސާލުތަކާއި ތަޖުރިބާއިންނެވެ. އަލީ ވާފިރު އަދި ކޮންމެ ޕާޓީއެއްގައި ހުންނެވިޔަސް ފިކުރާއި ޚިޔާލަކީ ގައުމުކަމަށް ވަންޏާ ގައުމަށްޓަކައި އިޚުލާސްތެރި މަސައްކަތެއްކުރާން ކަމަރު ބަނދެގެން އުޅޭ ހަމަ ކޮންމެ މީހަކުވެސް އަލީ ވާފިރާއި ބައްދަލު ކުރާނެއެވެ. އެގެޔަށްވެސް ދާނެއެވެ. އެއީ ގައުމަށްޓަކައި ހުޅުވާލެވިފައިވާ ގެއެކެވެ. ގައުމާއި ރައްޔިތުންގެ ހެވާއި ލާބަޔަށް ކުރެވޭ މަސައްކަތްތަކާމެދު މަޝްވަރާކުރެވޭ މަޖިލީހެކެވެ. އިބްރާހިމް މުހައްމަދު ސާލިހާއި ފައިސަލް ނަސީމުވެސް އެގެޔަށް ވަޑައިގެންނެވީ އެހެންވެގެންނެވެ.