މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ހުށަހަޅާ ރީ ރަޖިސްޓްރޭޝަން ފޯމް ބަލައިގަންނަ ވަގުތު އިތުުރުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އީސީގެ މެމްބަރު އަދި ތަރުޖަމާނު އަހްމަދު އަކްރަމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިހާތަނަށް 72،000 ފޯމް ރީ-ރަޖިސްޓަރ ކުރުމަށް ހުށަހަޅާފައިވާ ކަމަށެވެ.
އަދި އިތުރު ފޯމްތައް ބަލްކްކޮށް ލިބެމުންދާތީ ފޯމް ބަލައިގަންނަ ވަގުތު އިތުރުކޮށްފައިވާ ކަމަށްވެސް އަކްރަމް ވިދާޅުވި އެވެ.
އެގޮތުން ވޯޓުލުމަށް ރީ-ރަޖިސްޓަރ ވުމުގެ މުއްދަތު މާދަމާއަށް ހަމަވާއިރު، އަކްރަމް ވިދާޅުވީ މިއަދު ހުށަހަޅާ ފޯމްތައް މިރޭ 21:00 އާއި ހަމައަށް އަދި މާދަމާ ހުށަހަޅާ ފޯމްތައް ބަލައިގަންނަ ވަގުތު މާދަމާ ރޭ 00:00 އަށް އިތުރުކޮށްފައިވާ ކަމަށެވެ.
"ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" އެ ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) އިން ޑައުންލޯޑް ކުރެވޭނެ އެވެ.
އީސީ އިން ބުނިގޮތުގައި ފޯމު ހުށަހަޅާއިރު ފޯމާއެކު ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ އަސްލު ހުށަހަޅަންވާނެއެވެ. އަދި އެހެން މީހެއްގެ ފޯމު ހުށަހަޅަން ދާ ނަމަ، ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް އެފޯމާއެކު ހުށަހަޅަން ޖެހޭނެއެވެ.
ކުރީގެ އިންތިޚާބެއްގައި، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވީ ނަމަވެސް ރިޔާސީ އިންތިޚާބު 2018 ގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއް ނުވަތަ ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރަން ޖެހޭނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.