ރާއްޖެ ޓީވީ ގައި ގެނެސްދިން ކޮންޓެންޓެއްގެ ސަބަބުން 2 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމާއި ގުޅިގެން "ރާއްޖެޓީވީ އަބުރުފުޅު ފަންޑު" ހުޅުވައިފިއެވެ.
މިއަދު ހަވީރު މާލޭގައި ހުންނަ ރާއްޖެ ޓީވީގެ އޮފީސް ކުރިމަތީގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި އެ ފަންޑް ހުޅުއްވައިދެއްވީ ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ.
އެ ފަންޑް ހުޅުވުމާއެކު ރާއްޖެ ޓީވީ އަށް ތާޢީދު ކުރާ ގިނަ ފަރާތްތަކުން ވަނީ ރާއްޖެ ޓީވީ އަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.
ރާއްޖެ ޓީވީގެ "އަބުރުފުޅު" ފަންޑު ފޮށްޓެއް ޅ. ހިންނަވަރުގައި ވެސް ވަނީ މިއަދު ހުޅުވައިފަ އެވެ.
މިއަދު ހަވީރު އެ ފޮށި ހުޅުއްވައިދެއްވީ އިދިކޮޅު އިއްތިހާދުގެ ރަނިން މޭޓް ފައިސަލް ނަސީމު އެވެ. ހިންނަވަރުގައި ހުޅުވި ފަންޑް ފޮށްޓަށް ވެސް އިދިކޮޅު އިއްތިހާދުގެ ފަރާތުން އެ ދަތުރުގައި ބައިވެރިވެވަޑައިގެން ތިއްބެވި ބޭފުޅުންނާއި ހިންނަވަރުގެ ގިނަ އަދަދެއްގެ ބަޔަކު ދަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ރާއްޖެ ޓީވީ އިން ބުނީ، އަތޮޅު ތެރެއިން ރާއްޖެ ޓީވީގެ އަބުރުފުޅު ފަންޑަށް އެހީތެރިވުމަށް ބޭނުންވާ ރަށްތަކުން ރާއްޖެ ޓީވީ އާއި ގުޅައިގެން އެކަން އިންތިޒާމް ކުރުމަށެވެ. އެގޮތުން ރާއްޖެޓީވީގެ ނަމްބަރު 3007771 އަށް ގުޅުއްވައި މައުލޫމާތު ސާފުކުރުމަށް ސްޓޭޝަނުން އެދެއެވެ.
މިއީ ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީ ޖޫރިމަނާ ކުރި ހަތަރުވަނަ ފަހަރެވެ.