މިރޭ އިދިކޮޅު އިއްތިހާދުގެ ބޮޑު ޖަލްސާއެއް ބާއްވަން މާލޭގެ ކާނިވާ ސަރަޙައްދުގެ ބަދަލުގައި ދަރުބާރުގެ ރަންނަބަނޑޭރި މާލަން އެމްޑީޕީ އަށް ދޫކުރުމަށް ހައުސިންގ މިނިސްޓްރީން ނިންމާފައިވަނިކޮށް، އެ ޖަލްސާ ފަސްކުރަން ނިންމައިފި އެވެ.
އެމްޑީޕީގެ ސެކެޓަރީ ޖެނެރަލް އަނަސް އަބުދުއްސައްތާރު އާއި ހަވާލާދީ "މިހާރު" ނޫހުން ރިޕޯޓްކުރާ ގޮތުގައި ހައުސިންގ މިނިސްޓްރީ އިން ދަރުބާރުގޭ ދޫކުރާނެ ކަން އެންގީ އިއްޔެ ހަވީރުގެ ވަގުތެއްގައި ކަމުން ޖަލްސާ ފަސް ކުރަން ނިންމީ ތައްޔާރީތައް ވުމަށާއި އިސްތިހާރުކޮށް ހަދަން ވަގުތު ނެތުމުން ކަމަށެވެ.
އަނަސް ވިދާޅުވީ އެހެން ދުވަހަކަށް ދަރުބާރުގެ ނުވަތަ ކާނިވާ ދޫކުރުމަށް ހައުސިންގ މިނިސްޓްރީގައި އެދޭނެ ކަމަށެވެ.
މިއީ މިފަހަކަށް އައިސް އިދިކޮޅު ފަރާތްތަކުގެ ޙަރަކާތެއް ބޭއްވުމަށް ދައުލަތުގެ ބިމެއް ނުވަތަ އިމާރާތެއް އެ ފަރާތްތަކަށް ދޭން ނިންމި ފުރަތަމަ ފަހަރެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ގުޅިގެން، އިދިކޮޅު ފަރާތްތަކުގެ ބޮޑު ޖަލްސާއެއް ބާއްވަން މާލޭ ކާނިވާ ސަރަޙައްދު ދޫކޮށްދޭން މީގެ ފަސް ދުވަސް ކުރިން ހައުސިންގ މިނިސްޓްރީގައި އެމްޑީޕީ އިން ވަނީ އެދިފައެވެ.
އެހެންނަމަވެސް ކާނިވާ ސަރަހައްދުގެ ބޭރު މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރަމުންދާތީ، އެ ސަރަހައްދު މި ދުވަސްކޮޅު އެއްވެސް ހަރަކާތެއް ބާއްވަން ދޫކޮށްފި ނަމަ، ތާރު އެޅުމުގެ މަސައްކަތަށް ދަތިވާނެތީ، އޭގެ ބަދަލުގައި ދަރުބާރުގޭ ރަންނަބަނޑޭރި މާލަން އެމްޑީޕީ އަށް ދޫކުރުމަށް ނިންމިކަން ހައުސިންގ މިނިސްޓްރީ އިން ވަނީ އިއްޔެ އެ ޕާޓީއަށް އަންގާފައެވެ.
ފަޒާލް ވިދާޅުވީ ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަން އެމްޑީޕީ އަށް ދޫކުރުމަށް ނިންމީ، ހުރިހާ ކެންޑިޑޭޓުންނަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ދޭން ސަރުކާރުން ބޭނުން ވާތީ ކަމަށެވެ.