ސްރީ ލަންކާ އަށް ވަގު ޑޮލަރު ނޫޓުތަކެއް އެތެރެކުރަން އުޅުނު ދިވެއްސަކު ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓް (ބީއައިއޭ) އިން ހައްޔަރުކޮށްފި އެވެ.
ލަންކާގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި 49 އަހަރުގެ އެ މީހާ ބީއައިއޭ އަށް އައީ ސްރީލަންކަން އެއާލައިންސްގެ ޔޫއެލް 186 ފްލައިޓްގައި ކަމަށެވެ. އެ ފްލައިޓަކީ މިއަދު ފަތިހު ޕާކިސްތާނުގެ ވެރިރަށް ލާހޯރް އިން ދަތުރުކުރަމުން އައި ފްލައިޓެކެވެ.
ލަންކާއަށް ހެރޮއިން އެތެރެކޮށްފާނެ ކަމަށް ޝައްކު ކުރެވޭތީ އާންމުކޮށް ޕާކިސްތާނުން އަންނަ ފްލައިޓްތަކުން ދަތުރުކުރާ ފަސިންޖަރުން ވަރަށް ބޮޑަށް ސެކިއުރިޓީ-ޗެކް ކުރެއެވެ. އެގޮތުން އެ ފްލައިޓް އިން އައި ފަސިންޖަރުން ވެސް ބަލައިފާސްކުރުމުގެ ތެރޭގައި އެ ދިވެހި މީހާގެ ފަޓުލޫނުގެ ޖީބުންނާއި ވޮލެޓުން ވަނީ ގިނަ އަދަދެއްގެ ފޭކު ޑޮލަރުތަކެއް ފެނިފައެވެ.
ލަންކާގެ ފުލުހުން ބުނާ ގޮތުގައި އެ މީހާ އަތުން ވަނީ 169 ވަގު ނޫޓު ފެނިފައެވެ. އެ ނޫޓުތަކުގެ ޖުމްލަ އަދަދަކީ 8،450 އެމެރިކާ ޑޮލަރެވެ.
ފުލުހުންގެ ތަހުޤީޤަށް އެނގިފައިވާ ގޮތުގައި އޭނާ އެ ފޭކު ޑޮލަރުތައް ހިފައިގެން އައީ ލަންކާ އިން އެ ނޫޓުތައް މާރުކުރުމަށެވެ.
އެ މީހާ އާއި އޭނާ އަތުން ފެނުނު ފޭކު ނޫޓުތައް ވަނީ އިތުރު ތަހުޤީޤަށްޓަކައި ބީއައިއޭގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް އާއި ހަވާލުކޮށްފައެވެ.