Last Updated: June 24, 13:09
Wednesday, June 24, 2026
ޚަބަރު

ނަސީރުގެ ކެންޑިޑެސީ ބާތިލު ކުރުމުން ކޯޓަށް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރުމަށް ފޯމް ހުށަހެޅުއްވި ހުސައިން ނަސީރުގެ ކެންޑިޑޭސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް އޭނާ މިއަދު ނިންމަވައިފި އެވެ.

ހުސައިންގެ ފޯމް އީސީ އިން ބާތިލްކޮށްފައިވަނީ، އަމިއްލަ ގޮތުން އިންތިހާބަށް ނުކުންނަ ނަމަ، ހުށަހަޅަން ޖެހޭ 1،500 މީހުންގެ ސޮއިގައި މައްސަލަތަކެއް ހުރުމުންނާއި އޭނާގެ ރަނިންމޭޓަކަށް ހުށަހަޅުއްވާފައިވާ ޝޭހް ނަސްރުﷲ މުސްތަފާގެ ކުށުގެ ރެކޯޑްތަކެއް ހުރުމުން ކަމަށް އީސީން ވަނީ ބުނެފަ އެވެ.

އިންތިޚާބަށް ކުރިމަތިލުމަށް އިލެކްޝަންސް އިން ހުޅުވާލި ފުރުސަތު މިއަދު ހަވީރު 16:00 އަށް ހަމަވެފައިވާއިރު، ހުސައިންގެ ފޯމް ބާތިލްކުރުމަށްފަހު އީސީ އިން އޭނާއަށް އެންގީ މުއްދަތު ހަމަވުމުގެ ކުރިން ފޯމްސެޓް އެއްކޮށް އަލުން ހުށަހެޅުމަށެވެ.

ހުސައިންގެ ކެމްޕެއިން ޓީމުން ބީހައިވްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާގެ ތަރުޖަމާން އަމްޖަދު ހުސައިން ވިދާޅުވީ އިލެކްޝަންސްއިން ވަނީ ހުސައިންގެ ޙައްޤު ނިގުޅައިގަނެފައި ކަމަށެވެ.

އީސީ އިން ހުސައިންގެ ކެންޑިޑެސީ ބަލައިނުގަތް ފުރަތަމަ ސަބަބަކީ އަމިއްލަ ގޮތުން ކުރިމަތިލާ ކެނޑިޑޭޓުން ހުށަހަޅަން ޖެހޭ 1500 މީހުންގެ ސޮއިގައި މައްސަލަތަކެއް ހުރުމުންނެވެ.

އެކަމާއި ގުޅޭގޮތުން އަމްޖަދު ވިދާޅުވީ މީހުން ސޮއިކޮށްފައިވާ ފޯމްތައް ހުށަހަޅާފައިވާއިރު އީސީ އިން ބަލާފައިވަނީ ހުށަހަޅާފައިވާ އެކްސް އެލް ޝީޓަށް އެކަނި ކަމަށާއި، އެކްސް އެލް ޝީޓުގައި ލިޔުމުގެ މައްސަލަތަކެއް އުޅުނު ނަމަވެސް މީހުން ސޮއިކޮށްފައިވާ ޝީޓުތަކުގައިވާ ސޮއިތައް ސައްހަ ވާނެ ކަމަށެވެ.

ދެވަނަ ސަބަބަކަށް އީސީ އިން ދެއްކީ ދަފުތަރުގެ ރަޖިސްޓްރީގައިވާ ހުސައިންގެ ދާއިމީ އެޑްރެސް ދިމާނުވާ މައްސަލަ އެވެ. އެއަށް ރައްދުދެއްވަމުން އަމްޖަދު ވިދާޅުވީ އެ ފޯމުގައި ވަނީ މިހާރުގެ ދާއިމީ ރަޖިސްޓްރީ ހިމަނަން ކަމަށާއި ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ރަޖިސްޓްރީ ހިމަނަން ފޯމުގައި ބުނެފައިނުވާ ކަމަށެވެ.

މީގެ އިތުރުން ހުސައިންގެ ރަނިން މޭޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޝެއިހް ނަސްރުﷲ މުސްތަފާގެ ކުށުގެ ރެކޯޑުގައި މައްސަލަ އުޅޭ ކަމަށްވެސް އީސީ އިން ބުނެފައިވެ އެވެ.

އެކަމާއި ބެހޭގޮތުން އަމްޖަދު ވިދާޅުވީ އެއްވެސް ކޯޓަކުން ނަސްރުﷲ ގެ މައްޗަށް ކުށެއް ސާބިތުވެފައިވާ ކަމަށް ބުނެފައިނުވާ ކަމަށާއި، ނަސްރުﷲ ގެ މައްސަލައެއް ފެމެލީ ކޯޓަށް ހުށަހަޅާފައި އޮތްއިރު އެ މައްސަލަ އަދި ވަކިގޮތަކަށް ނިމިފައިނުވުމުން އެއީ ކުށުގެ ރެކޯޑުގައި ހިމެނޭނެ ކަމެއް ނޫން ކަމަށެވެ.

ހުސައިންގެ ރަނިން މޭޓް ނަސްރުﷲ ވިދާޅުވީ ވިދާޅުވީ ފޯމް ބާތިލްކުރި ސަބަބުތައް އިސްލާހުކޮށް އަލުން ހުށަހެޅުމަށް އީސީގައި އެދުމުން އެ ފުރުސަތު ކޮމިޝަނުން ނުދިން ކަމަށެވެ. އެގޮތުން ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ހުށަހެޅި އެއް ލައްކަ ރުފިޔާ އާއި ފޯމްސެޓް އަނބުރާ އިލެކްޝަންސްއިން ދީފައިނުވާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އެހެންކަމުން، މި މައްސަލަ ކޯޓަށް ހުށަހަޅަން ނިންމީ އިތުރު އެހެން ގޮތެއް ނެތިގެން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މައްސަލަ ކޯޓަށް ހުށަހެޅުމަކީ އިންތިޚާބު ލަސްވާންޖެހޭ ސަބަބެއް ނޫން ކަމަށާއި ކޯޓުން އަވަހަށް އެ މައްސަލަ ބަލައި ނިންމައި އިންތިޚާބު މިހާރު އޮތް ތާރީޚުގައި ބޭއްވޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.