Last Updated: July 1, 14:02
Wednesday, July 1, 2026
ޚަބަރު

ހިތަދު އަށް ސާފު ބޯ ފެން ދިނުން އިފްތިތާހުކޮށްފި!

ސ. ހިތަދޫގެ ގޭގެއަށް ސާފު ބޯފެން ދެއްވަން ފެށްޓެވުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު މިއަދު އިފްތިތާޙުކޮށް ދެއްވައިފި އެވެ.

ހިތަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، މިއަދަކީ ވަރަށް ތާރީޚީ ދުވަހެއް ކަމަށާއި، މާލެ ފިޔަވައި މިހާ ގިނަ ޢަދަދެއްގެ އާބާދީއަކަށް، ގިނަ ޢަދަދެއްގެ ގެތަކަކަށް މި ޒަމާނުގެ އުޞޫލުން ޑީސެލިނޭޝަން ޕްލާންޓް ޤާއިމްކޮށް، ސާފު ބޯފެން ލިބޭނެގޮތް ހަމަޖެހިގެންދާކަމީ، ވަރަށް އުފާފުޅު ކުރައްވާ ކަމެއް ކަމުގައި ވިދާޅުވި އެވެ.

އަދި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ، އައްޑޫ ސިޓީގެ ކޮންމެ ރަށަކަށްވެސް ސާފު ބޯފެން ލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވުމަށް ކަމުގައި ވިދާޅުވި އެވެ. ސަޕްލައި ފެން އެންމެ ފުރަތަމަ ދޫކޮށްފައި ވަނީ ހިތަދޫ ދިރޭލާލު ގެއަށެވެ.

ހަމައެއާއެކު، ނަރުދަމާގެ ނިޒާމުވެސް އިރާދަކުރެއްވިއްޔާ، އައްޑޫގެ ހުރިހާ ރަށެއްގައި ޤާއިމް ކުރެވޭނެ ކަމުގައި ވިދާޅުވިއެވެ.

ޑރ. ވަހީދު މިއަދު އިޮފްތިތާހުކޮށް ދެއްވި ސާފު ބޯފެން ފޯރުކޮށް ދިނުމުގެ މަޝްރޫއަކީ 22 އެޕްރީލް 2009 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިފްތިތާހުކޮށް ދެއްވި ޕްރޮޖެކްޓެކެވެ.