ސ. ހިތަދޫ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން އިތުރު މަގުތަކެއްގައި ތާރު އަޅައިގެން ހެދުމުގެ މަޝްރޫޢުގެ މަސައްކަތް މިއަދު ރައީސް ޑރ. ވަހީދު އިފްތިތާހުކޮށް ދެއްވައިފި އެވެ.
ހިތަދޫ ކެމްޕަސް ދަނާލާ ދިމާލުގައި ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އާއި އެކު ސަރުކާރުން ވަނީ އިތުރު 10 މަގެެއްގައި ތާރު އެޅުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ދަށުން މިއަދު އަމަލީ މަސައްކަތް އިފުތިތާހު ކުރީ ހިތަދޫ އައިމަލި މަގު ޝަރަފުއްދީން މަގު، ރަށްދެބައި މަގު އަދި ހަވީރީ މަގު އެވެ. މި މަގުތަކުގެ މަސައްކަތް މި އަހަރު ނިންމާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އަންނަ ޖެނުއަރީ މަހު ފަށާ ދެވަނަ ފިޔަވަހީގައި ހިމެނޭ މަގުތަކަކީ އަމީނީ މަގު، ލިލީ މަގު، ސަން ލައިޓް ހިނގުން (ދެ މަގު) އާއި މެދެއާރި މަގާއި ޢާޒީ މަގެވެ.
ސޮއި ކުރުމުގެ ރަސްމިއްޔާތަށް ފަހު ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މިހާރު އެއްބަސްވެފައިވާ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހަދަނީ 2.3 ކިލޯމީޓަރުގެ މަގު ކަމަށެވެ.
އަދި ދެވަނަ ފިޔަވަހީގެ ގޮތުގައި 2.8 ކިލޯމީޓަރުގެ މަގު ހެދުމުގެ މަސައްކަތް އަންނަ ޖެނުއަރޫ މަހު ފެށޭނެކަމަށެވެ.
ރައީސް ވިދާޅުވީ މިދެ މަޝްރޫއު ނިމޭ އިރު ހިތަދޫގައި ހުރި ހުރިހާ މަގުތަކެއްގައި ތާރު އެޅޭނެ ކެމަށެވެ. އަދި އަންނަ އަހަރު ނިމޭ އިރު ހިތަދޫގެ ހުރިހާ މަގު ހެދިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ސަރުކާރުން ހިންގާ މަޝްރޫޢުތަކުގައި، ރައްޔިތުން ފުރިހަމަ އެއްބާރުލެއްވުން ދެއްވުމަށް ރައީސް އިލްތިމާސް ކުރެއްވި އެވެ.
ހިތަދޫގައި މިއަދު ފެށި މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ހިތަދޫ ޝަރަފުއްދީނުމަގާއި، ހަވީރީ ހިނގުން، ލިލީ މަގާއި ސަންލައިޓު ހިގުމުގެ އިތުރުން ޒިޔާރަތްފަންނުމަގާއި އައިމަލި މަގުގައި ތާރައެޅުމަށް ވަނީ ހަމަޖެހިފަ އެވެ.