Last Updated: June 24, 13:09
Wednesday, June 24, 2026
ޚަބަރު

އެމްޑީޕީ ޖަގަހައަށް ދިން ހަމަލާ ކުށްވެރިކޮށްފި

އައްޑޫ ސިޓީ މަރަދޫ އަވަށުގައި ހުންނަ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޖަގަހައަކަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ މާރާމާރީ ހިންގައި އެތަނަށް ގެއްލުންތަކެއް ދީފައިވާތީ، އެ ޕާޓީން އެ ޢަމަލު ކުށްވެރިކޮށްފި އެވެ.

އެމްޑީޕީ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ފިނޑި އަމަލު ހަރުއަޑުން ކުށްވެރިކުރާ ކަމަށާއި، އެ ހަމަލާއަކީވެސް 17 ޖުލައިގައި އެމްޑީޕީގެ މައި އޮފީހަށް ބަޔަކު ރާވައިގެން ގަސްތުގައި ދީފައިވާ ހަމަލާފަދަ ފިނޑި ޢަމަލެއް ކަމަށެވެ.

އެ ޢަމަލަކީ އެމްޑީޕީ އިން ހިންގަމުން ގެންދާ ސިޔާސީ ޙަރަކާތްތަކާއި ރިޔާސީ ކޭމްޕޭނުގެ ޙަރަކާތްތައް ފެނި، ސަރުކާރުން އެކަމާ ޖެހިލުންވުމުގެ ސަބަބުން އެކަންކަމަށް ހުރަސްއެޅުމުގެ ގޮތުން ސަރުކާރު އަޑީގައި އޮވެގެން ހިންގާފައިވާ ޢަމަލެއް ކަމަށްވެސް އެމްޑީޕީ އިން ތުހުމަތު ކުރެއެވެ.

އެމްޑީޕީ އިން ވަނީ އެ މައްސަލައިގެ ފުރިހަމަ ތަޙްޤީޤެއް ހިންގައި، އެކަމުގައި ޝާމިލުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމަށް ގޮވާލާފައެވެ.

އަދި ރިޔާސީ ކޭމްޕޭނަށް ހުރަސްއެޅިގެންދާ މިފަދަ ކަންކަން ވިޔަނުދިނުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކަށް ވެސް އެމްޑީޕީން ގޮވާލާފައި ވެއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން މަރަދޫ އެމްޑީޕީ އޮފީހުގެ އޮފިޝަލަކު ބުނިގޮތުގައި 6 މީހުންގެ ގްރޫޕަކުން ދަގަނޑު ބުރިތަކެއް ހިފައިގެން އެ ޖަގަހައަށް ވަދެ ހަމަނުޖެހުން ހިންގީ ބުރާސްފަތި ދުވަހުގެ ރޭ 11 ޖަހާއެކަށް ހާއިރު ކަމަށެވެ.

މިހާދިސާ ހިނގި އިރު މަރަދޫ އެމްޑީޕީ ޖަގަހައިގައި ކޮންމެވެސް ވަރަކަށް އަންހެން އެކްޓިވިސްޓުންނާއި ދޮށީ އުމުރުގެ މީހުން ވެސް ތިބިއެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް ގްރޫޕުން ވަނީ ދަގަނޑު ބުރިތައް ބޭނުންކޮށްގެން ހަމަލާދީފައެވެ.

ބައެއް މީހުންގެ ބޯ ފަޅައިގެން ގޮސްފައިވާއިރު އެމީހުންނަށް ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި މަރަދޫ ސިއްހީ މަރުކަޒުގައި ވެސް ފަރުވާދީފައެވެ.

ދަގަނޑު ބުރިތައް ހިފައިގެން އައި ގްރޫޕުން ޖަގަހައިގެ ބިއްލޫރިތައް ތަޅާލައި ޖަގަހައިގެ އެތެރޭގައި ހުރި ސައުންޑް ސިސްޓަމުގެ އިތުރުން އިލެކްޓްރޯނިކް ސާމާނުތަކަށް ވެސް ވަނީ ގެއްލުން ދީފައެވެ.