Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

ކެރަލާގައި ފެންބޮޑުވެ 34 މީހުން މަރުވެއްޖެ

ކެރަލާގައި ފެންބޮޑުވެފައި - ފޮޓޯ: ރޮއިޓާސް

އިންޑިއާގެ ދެކުނު ކެރަލާ ސްޓޭޓްގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 34 އަށް އަރައިފި ކަމަށް އޮފިޝަލުން ބުނެފި އެވެ.

ޖޫން އިން ސެޕްޓެމްބަރަށް ދެމިގެންދާ އިންޑިއާގެ ވާރޭ މޫސުމުގައި މިހާތަނަށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ކެރަލާގެ ގިނަ ދަނޑުތައް ވަނީ ހަލާކުވެފަ އެވެ.

އެގޮތުން ކެރަލާ ސްޓޭޓް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (ކޭއެސްޑީއެމްއޭ) އާއި ހަވާލާދީ ރޮއިޓާސް އިން ރިޕޯޓްކުރާ ގޮތުގައި 1،031 ހެކްޓަރުގެ ދަނޑުގޮވާން ހަލާކުވެފައިވާ ކަމަށާއި، 31،000 މީހުން ވަނީ ގެދޮރު ދޫކޮށް ރެސްކިއު ކޭމްޕްތަކަށް ބަދަލު ކުރެވިފައި ކަމަށެވެ.

ކޭއެސްޑީއެމްއޭގެ ސީނިއަރ އޮފިޝަލަކު ވިދާޅުވީ މިހާތަނަށް ކެރަލާގެ 8 އަވަށަކަށް ހައި އެލާޓް ނެރެފައިވާ ކަމަށެވެ.

ސަރުކާރުގެ އޮފިޝަލަކާއި ހަވާލާދީ ރޮއިޓާސް އިން ރިޕޯޓްކުރާ ގޮތުން 29 މެއި އިން ފެށިގެން ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 26،824 ހެކްޓަރުގެ ދަނޑު ބިންތަކުން 3.42 ބިލިއަން ރުޕީސް (49.65 މިލިއަން ޑޮލަރު)ގެ ދަނޑުގޮވާން ހަލާކުވެފައިވާ ކަމަށެވެ.

ކޭއެސްޑީއެމްއޭގެ ޗީފް ވިދާޅުވާ ގޮތުގައި މިއަދު ވާރޭ ވެހުން ހުއްޓިފައިވީނަމަވެސް، އޮގަސްޓް 15 އާއި ހަމައަށް އެލާޓްތައް ކުރިއަށްގެންދާނެ ކަމަށެވެ.

އިންޑިއާގެ މޫސުމާއިބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި 15 އޮގަސްޓް އާއި ހަމައަށް ބޯކޮށް ވާރޭ ވެހޭނެ އެވެ. މީގެ އިތުރުން އެރަބިއަން ކަނޑަށް މަހަށް ނުނިކުތުމަށް މަސްވެރިންނަށް ވެސް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.