Last Updated: July 1, 14:02
Wednesday, July 1, 2026
ޚަބަރު

ރައީސާ ދެކޮޅަށް ހިތަދޫގައި އަޑު އުފުލައިފި

ރައީސާ ދެކޮޅަށް އެމްދީޕީގެ ސަޕޯޓަރުންތަކެއް މިއަދު ޝުއޫރު ފާޅު ކުރަނީ. ފޮޓޯ/ އައްޑޫ ލައިވް

ރައީސް ޑރ. ވަހީދު މިއަދު ހެނދުނު އައްޑު އަށް ވަޑައިގެން ސ. ހިތަދޫގައި ހުންނަ ފެން ޕްލާންޓް ހުންނަ ސަރަހައްދަށް ބޯފެން ދިނުމުގެ މަޝްރޫއު އިފްތިތާހު ކުރުމަށް ވަޑައިގަތުމުން އެ މަނިކުފާނާ ދެކޮޅަށް އެމްޑީޕީ ހިތަދޫ މެމްބަރުންތަކެއް އަޑު އުފުލައިފި އެވެ.

ނުރުހުމުގެ ޝުއޫރު ލިޔެފައި ހުރި ބެނާ ތަކާއި އެކު ގޮސްތިބި މެމްބަރުން ވަނީ ވަހީދު އިސްތިއުފާ އަށް ގޮވައި، އެ މަނިކުފާނަކީ "ބާޢީ"އެއް ކަމަށް ގޮވާފަ އެވެ. އަދި މުޒާހަރާ ކުރި އެ ސަރަހައްދުގައި މިރުސް ދުން އަރުވަމުން ދިޔަކަން ފާހަގަ ކުރެވޭ ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.

އެ ކަމަށް އިޝާރާތް ކުރައްވައި ރައީސް ޑރ. ވަހީދު ވިދާޅުވީ "އެފަދަ އަޑުތައް އިވެނީ އައްޑު އަށް މާ މަދުން އާދެވޭތީ" ކަމަށެވެ. ރައީސް ވިދާޅުވީ މި މަހުގެ ތެރޭގައި އައްޑު އަށް އަދި ވަޑައިގަންނަވާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ގިނަގިނައިން އައްޑު އަށް ވަޑައިގަންނަވާނެ ކަމަށެވެ.

އެމްޑީޕީ އަންހެނުންގެ ރޫހުގެ ފަރާތުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ މި އަޑު އުފުލުމުގައި މައިގަނޑުގޮތެއްގައި ފާހަނގަ ކޮށްފައި ވަނީ އައްޑޫގެ ތަރައްޤީގެ މަޝްރޫއު ވަހީދުގެ ސަރުކާރުން ހުއްޓުވާފައިވާ ކަމަށާއި، ސަރުކާރުން އައްޑޫގެ ތަރައްޤީ އަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ އެވެ.

މިކަމާ ގުޅިގެން އެއްވެސް ކަހަލަ ހަމަނުޖެހުމެއް އަދި މީހަކު ހައްޔަރުކޮށްފައި ނުވެ އެވެ. ޝުއޫރު ފާޅު ކުރަމުން ދިޔަ މީހުން ވަނީ ރައީސް ވާހަކަ ދެއްކެވި ވަގުތު އެއްޗެހި ތަޅައި އަޑު ގަދަކޮށްފަ އެވެ.