Last Updated: March 28, 21:55
Thursday, March 28, 2024
ރިޕޯޓް

ފޭދޫ ހިއްކި ބިމުގައި އަޅަން ބުނި 100 ފްލެޓް ކޮބާ!؟

އައްޑޫ ސިޓީ ފޭދޫ އަވަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމުގެ މައްސަލަ ހައްލުކުރުމަށް އެރަށުގެ ބިން ހިއްކުމަށް ފަހު 100 ފްލެޓް އެޅުމުގެ މަޝްރޫޢެއް އިއުލާންކުރިއެވެ. 2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބާއި ދިމާކޮށް އެ ފްލެޓްތަކުގެ ވާހަކަ ވަރަށް ބާރަށް ދެކެވުނެވެ.

ކައުންސިލް އިންތިޚާބުގައި ޕީޕީއެމް އަށް ފޭދޫން ކުރިމަތިވި ނާކާމިޔާބީ އަށް ފަހު ފްލެޓް މަޝްޜޫޢުގެ އަޑު ކޮންމެވެސް ވަރަކަށް މަޑުވިއެވެ. 2017 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނި އެ މަޝްރޫޢު ހިންގާނެ ފަރާތެއް ހޯދުމަށް އިއުލާން ކުރީ އެ އަހަރު ނިމެން އުޅެނިކޮށެވެ. އިއުލާނުގެ މުއްދަތު ހަމަވުމަށް ފަހު އޭގެ 4 ވަރަކަށް މަސް ފަހުން އަނެއްކާ ވެސް ފްލެޓް އަޅައިދޭނެ ބަޔަކު ހޯދަން ސަރުކާރުން އިއުލާން ކުރިއެވެ.

ފޭދޫއަށް ނިސްބަތްވާ ޕީޕީއެމްގެ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި، 2018ގެ ޖެނުއަރީ މަހު ދެވަނަ ފަހަރަށް އިއުލާން ކުރީ މުޅިން އާ ފްލެޓްތަކެއް ކަމަށް ޕީޕީއެމްގެ އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ހައުސިންގެ އިސްވެރިޔަކު މައުލޫމާތު ދީފައިވެއެވެ. އެހެން ނަމަވެސް އެއީ ކުރިން ވެސް އިއުލާން ކުރި މަޝްޜޫޢުކަން އެނގުނީ މާފަހުން ކަމަށް އެމީހުން ބުނެއެވެ.

ފޭދޫ ހައުސިން ޔުނިޓް އެޅުމަށް 6 މަސް ދުވަހުގެ ތެރޭގައި އިއުލާންކުރި ދެ ވަނަ ފަހަރަށް އިއުލާންކުރި ފަހުން ވެސް 6 މަހަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. އެހެން ނަމަވެސް އެ މަސައްކަތް ފެށޭ ގޮތެއް ނުވެއެވެ.

ފޭދޫ ރައްޔިތުން ކިތަންމެ ވަރަކަށް ޖަވާބު ބޭނުންވިޔަސް 100 ފްލެޓްގެ މަޝްރޫއުގެ މަސައްކަތް ދިޔަ ހިސާބެއް އެނގޭ ވެރިޔަކު އައްޑޫގައި ނެތެވެ. ދާއިރާގެ މެންބަރު ވެސް ވިދާޅުވަނީ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ފޭދޫގައި ސަރުކާރުން އަޅަން ވައުދުވި 100 ފްލެޓަށް ވީ ނުވީއެއް ނޭނގިގެން ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން ގެންދާއިރު ، 2017 ވަނަ އަހަރު ފްލެޓްތަކުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމްދީދީ ވިދާޅުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

"ސީދާ ރައީސްގެ އިސްނެންގެވުމުގެ މަތިން. މިރަށުގެ ތަރައްގީއަށްޓަކައި އެމަނިކުފާނު ހިއްކަވާދެއްވާފައި މިވާ ބިމުގައި މިހާރު މިވަނީ 100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފެށިފައި."2017 ވަނަ އަހަރުގެ އެޕްރީލް 17 ވަނަ ދުވަހު ބޭއްވި ކެމްޕެއިން ރެލީއެއްގައި އިބްރާހިމްދީދީ ވިދާޅުވެފައިވެއެވެ.

މެންބަރު އިބްރާހިމްދީދީ އެކޭ އެއްގޮތަށް ފޭދޫގެ ރައްޔިތުން ވެސް ތިބީ ސަރުކާރުން ފޭދޫގައި އަޅަން ވައުދުވި 100 ފްލެޓްގެ މަސައްކަތް އަވަހަށް ފަށާނެ ކަމުގެ އުއްމީދުގައެވެ. އެހެން ނަމަވެސް އެ މަޝްރޫޢުގެ ވާހަކަ ސަރުކާރުން ނުދައްކައެވެ.