ސްޕެއިންގެ ގައުމީ ޓީމުން މަޝްހޫރު ޑިފެންޑަރ ޖެރާޑް ޕީކޭ ރިޓަޔާ ކޮށްފިއެވެ.
ސްޕެއިނުން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް އަދި 2012 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރި އިރުވެސް ޓީމުގައި މުހިންމު ރޯލެއް ކުޅުނު ޕީކޭ ގައުމީ ޓީމުން ރިޓަޔާ ކޮށްފައިވަނީ 9 އަހަރު ގައުމީ ޓީމަށް ކުޅުމަށް ފަހުގައެވެ.
ޕީކޭ ސްޕެއިން ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗަކީ 2009 ވަނަ އަހަރުގެ ފެބްރުއަރީ މަހު ސްޕޭނުން އިނގިރޭސިންނާ ދެކޮޅަށް ކުޅުނު މެޗެވެ. 9 އަހަރު ތެރޭގައި އޭނާ ވަނީ 102 މެޗު ސްޕެއިނަށް ކުޅެދީފައެވެ.
ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކުރަމުން ޕީކޭ ބުނެފައިވަނީ މިއީ އޭނާ ކުރިންވެސް ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އަދި ގައުމު ތަމްސީލު ކުރަން ފުރުސަތެއް ލިބުމަކީ އަބަދުވެސް ޝުކުރުވެރި ވާނެ ކަމެއް ކަމަށް 31 އަހަރުގެ ބާސެލޯނާ ޑިފެންޑަރު ބުނެފައިވެއެވެ.
ޕީކޭ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައިވާއިރު އޭނާއާއެކު ސްޕެއިންގެ ޑިފެންސު ބެލެހެއްޓި ކެޕްޓަން ރާމޮސް ވަނީ 2022 ވަނަ އަހަރުގެ ވޯލްޑު ކަޕުގައި ވެސް ކުޅޭނެ ކަމަށެވެ.