Last Updated: June 11, 13:15
Thursday, June 11, 2026
ޚަބަރު

ފާލުން ނެއްޓިފައިވާ ނިޒާމު ރަނގަޅު ކުރުމަށް ކުރާ މަސައްކަތަށް ޝުކުރު ދަންނަވަން: އިލްހާމް

ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު: ފޮޓޯ - އަވަސް

ދިވެހި ރާއްޖޭގެ ފާލުން ނެއްޓިފައި އޮތް ނިޒާމާއި މުއައްސަސާތައް ޒިންމާދާރު ކުރުވުމުގައި ރެއާ ދުވާލު ރައްޔިތުން ކުރަމުން ގެންދާ މަސައްކަތަށް ޝުކުރު ދަންނަވާ ކަމަށް ހައްޔަރު ކޮށްފައިވާ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.

އިލްހާމް ހައްޔަރުކޮށްގެން ޖަލުގައި ބަންދުކޮށްފައިވާތާ ހަމަސް ދުވަސް މިއަށް ހަމަވެފައިވާތީ އިލްހާމުގެ ގާނޫނީ ވަކީލުންގެ ޓީމުން ނެރުއްވި ބަޔާނުގައި ވަނީ ދިވެހި ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްސް އޮފީހުން އިލްހާމްގެ ޝަރީއަތާއި ތަހުގީގު ހިންގަމުންދާ ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެގޮތުން ފުރަތަމަ ކަމަކަށް، އިލްހާމް ޖަލުގައި ބަންދުކޮށްފައި މިހާރު އެހުންނެވީ ހައްޔަރު ކުރެވުނު ތުހުމަތުގައި ނޫން ކަމަށް ވަކީލުން ފާހަގަކޮށްފައިވެއެވެ. ފުރަތަމަ އިލްހާމް ހައްޔަރުކޮށްގެން ބަންދުގައި ހުރި ދުވަސްވަރު ކޮށްފައިވަނީ ހޫނު ފެނުގެ މައްސަލައަކާއި 2017 ވަނަ އަހަރުގެ މޭ މަހުގައި ހިނގާދިޔަ ރިޝްވަތުގެ ހާދިސާއަކާ ގުޅޭ މައްސަލައެކެވެ. ނަމަވެސް އެއް މަސް ދުވަސް ފަހުން، އެ މައްސަލަތަކާ ގުޅޭ ގޮތުން ދައުވާއެއް ކުރުމެއް ނެތި އެއް މަސް ދުވަސް ފަހުން ޓެރަރިޒަމްގެ ތުހުމަތު އިލްހާމަށް ކުރީ އޭނާގެ ބަންދުގައި ގާނޫނީ ކުލަ ޖެއްސުމުގެ ބޭނުމުގައި ކަމަށް ވަކީލުން ބުނެފައިވެއެވެ.

އަދި އެ ދެމައްސަލަ "އޮއްބާލުމަށް ފަހު" ދައުލަތުން އިލްހާމާ ދެކޮޅަށް ޓެރަރިޒަމްގެ ދައުވާ އުފުލައި، 32 ހެއްކެއް އިލްހާމާ ދެކޮޅަށް ހުށައަޅާފައިވި ނަމަވެސް އެހެކިތަކާ އިލްހާމްގެ އަމަލަކާ ގުޅޭ އެއްވެސް ވާހަކައެއް އަދި އިލްހާމްގެ ނަމެއްވެސް ހިމެނިފައިނުވާތީ އެ ހެކިތަކަކީ އިލްހާމާ ދެކޮޅަށް ސާބިތުވާނެ ހެކިތަކެއް ނޫންކަން ވަކީލުން ފާހަގަކުރިއެވެ.

މީގެ އިތުރުން ދައުލަތުގެ ވަކީލުން އިލްހާމްގެ މައްސަލާގައި ކަނޑައެޅިގެން ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ޚިލާފުވެފައިވާކަން ވެސް ވަކީލުން ވަނީ ފާހަގަކޮށްފައެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ބަންދުގައި ހުންނަ މީހަކަށް އޭނާއާ ދެކޮޅަށް ހުށައެޅި މައްސަލައިގެ ލިޔެކިޔުންތައް ލިބޭތާ 70 ދުވަސް ތެރޭ ޝަރީއަތް ފަށަން ޖެހޭނެ ކަމަށް ބަޔާން ވެފައި އޮތްއިރު މިއަދާ ހަމައަށް އިލްހާމަށް ލިޔެކިޔުންތައް ލިބިފައިވާތާ 135 ދުވަސް ހަމަވެފައިވާކަން ވަކީލުން ފާހަކުރިއެވެ. ނަމަވެސް އިލްހާމްގެ ފަރާތުން ޝަރީއަތުގެ ކުރިން ހުށައަޅާ ހުށައެޅުންތަކަށް ޝަރީއަތުން ގޮތެއް ނިންމާފައިވާތާ 96 ދުވަސް ހަމަވެފައިވާއިރު އެފަހުން އެއްވެސް އަޑުއެހުމެއް ބާއްވާފައިނުވާތީ ކަންބޮޑުވުން ވަކީލުން ފާހަަގަކުރިއެވެ.

އަދި ޖަލު ބަންދުގައި އޮންނަން ޖެހުނަސް، މިއަދުވެސް އިލްހާމް ހުންނެވީ ސާބިތުކަމާއެކު ފަހަތަށް ޖެހުމުގެ ވިސްނުމެއް ނެތި އިސްލާހީ ހަރަކާތާއެކު ކަމަށް އިލްހާމްގެ ވަކީލުން ފާހަގަކުރިއެވެ. އިލްހާމްގެ އިތުރުން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި މައްޗަނގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންވެސް ހުރީ ޖަލުގައި ބަންދުކޮށްފައެވެ. އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްގެ މައްޗަށް ޖަލު ހުކުމް ސާބިތުވެފައިވާއިރު އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އިއްތިހާދުގެ ވެރިކަމެއްގެ ފުރަތަމަ ދުވަހު ނުހައްގުން ހައްޔަރުކޮށްފައިވާ ސިޔާސީ ހައްޔަރީން މިނިވަން ކުރާނެ ކަމަށް ވިދާޅުވެފައެވެ.