Last Updated: June 24, 13:09
Wednesday, June 24, 2026
ޚަބަރު

މެލޭޝިޔާ ސަރުކާރުން ދޭ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި

މިދިޔަ އަހަރުގެ އޭ ލެވެލް އިމްތިހާނުން އެންމެ މޮޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމް ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޓްވިޓާ (އެޑިއުކޭޝަން މިނިސްޓްރީ)

މެލޭޝިޔާ ސަރުކާރުން ރާއްޖެ އަށް ދިން ސްކޮލަރޝިޕްތަކުގެ ތެރެއިން 250 ޖާގަ އަށް ކުރިމަތިލުމުގެ ފުރުސަތު ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަން (ޑީއެޗްއީ) އިން ހުޅުވާލައިފި އެވެ.

މިއީ މެލޭޝިޔާގެ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އެޑިއުކޭޝަން ގްލޯބަލް ސާވިސަސް (އީއެމްޖީއެސް) އިން މިދިޔަ ޖެނުއަރީ މަހު ރާއްޖެ އަށް ދިން 500 ސްކޮލަޝިޕްގެ ދަށުން ހުޅުވައިލި ފުރުސަތެކެވެ.

އޭގެ ތެރެއިން 250 ސްކޮލަރޝިޕް ފުރުސަތަށް ކުރިމަތިލުމަށް މިދިޔަ ފެބްރުއަރީ މަހު ވެސް ހުޅުވާލާފައިވާއިރު، އިއްޔެ ޑީއެޗްއީ އިން ހުޅުވާލާފައި ވަނީ ބާކީ ހުރި 250 ފުރުސަތަށެވެ.

ޑީއެޗްއީ އިން ބުނީ މި ބުރުގައި ޑިޕްލޮމާގެ 10 ފުރުސަތާއި ޑިގްރީ އަށް 190 ފުރުސަތު އަދި މާސްޓާސް ޑިގްރީ އަށް ކިޔެވުމަށް 50 ޖާގަ ލިބޭނެ ކަމަށާއި މިއީ ޓިއުޝަން ފީ އިން 50 އިންސައްތަ ޑިސްކައުންޓް ލިބޭ ސްކޮލަރޝިޕްތަކެއް ކަމަށެވެ.

ޑީއެޗްއީ އިން އިތުރަށް ބުނީ ޑިޕްލޮމާ އަށް ކިޔެވޭނީ އެއާކްރާފްޓް އިންޖީނިއަރިން އެކަނި ކަމަށާއި، ނަމަވެސް ޑިގްރީ އަދި މާސްޓާސް ޑިގްރީ އަށް ކިޔެވުމަށް ގިނަ ދާއިރާތަކެއް ކަނޑައަޅާފައިވާއިރު، އެ އިން ކޮންމެ ދާއިރާއަކުން ވެސް ދަރިވަރުންނަށް ކިޔެވޭނެ ކަމަށެވެ.

މެލޭޝިޔާގެ ސަރުކާރުން ހިންގާ ޔުނިވާސިޓީތަކުގެ އިތުރުން 17 ޕްރައިވެޓް ޔުނިވާސިޓީއަކުން ކިޔެވޭ މި ފުރުސަތުތަކަށް އަންނަ ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހާ ހަމައަށް ކުރިމަތިލެވޭނެ ކަމަށް އެ ޑިޕާޓްމަންޓުން ބުނެއެވެ.

މީގެ އިތުރުން ސްޓޫޑެންޓް ޕޯޓަލް މެދުވެރިކޮށް، ކޮންމެ ތަނެއްގައި ހުރެގެން ވެސް ސްކޮލަރޝިޕަށް ކުރިމަތިލުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށްވެސް ޑީއެޗްއީ އިން ބުނެއެވެ.