ދިވެހި ރައްޔިތުން އިސްލާމްދީން ނޫން އެހެން ދީނަކަށް ފުރުސަތު ނުދޭނެކަން މާޒީގައި ވަނީ ސާބިތުކޮށްދީފައި ކަމަށާއި، މީގެ 900 އަހަރު ކުރިން ފެށިގެން ރާއްޖޭގައި އިސްލާމްދީން ދެމިއޮތީ ވަކި މީހަކު ވެރިކަމުގައި ހުރެގެން ނޫން ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.
ޝެއިޚް އިލްޔާސް މިހެން ވިދާޅުވެފައި ވަނީ ހުކުރު ދުވަހު ކުރެއްވި ޓްވީޓްތަކެއްގަ އެވެ.
Dhivehirayyithun islamdheen noon ehen dheenaka furusathe nudhevvanekan mazeenga vanee sabithukodheefa
Rayyithun 23 September gai aniyaverikamai naa insafahshai khiyanathai alhuvethikamah noonakey bunanekan hama yageeneve. إنشاء الله
Iththihadhakee gadhafadha baarekan fennane.— Ilyas Hussain (@shkilyas) August 11, 2018
އޭގެ ތެރެއިން ފުރަތަމަ އަށް ކުރެއްވި ޓްވީޓްގައި ޝެއިޚް އިލްޔާސް ވިދާޅުވީ 900 އަހަރުއްސުރެން ރާއްޖޭގައި އިސްލާމްދީން ދެމިއޮތީ ވަކި މީހަކު ވެރިކަމުގައި ހުރެގެނެއް ނޫން ކަމަށެވެ. އެހެންކަމުން ވަކި މީހަކު ވެރިކަމަށް ނުހޮވިއްޖެނަމަ ދީން ނޯންނާނެކަމަށް ބުނުމަކީ ޙަޤީޤަތާއި އަދި ސުންނަތާވެސް ޚިލާފު ވާހަކައެއް ކަމަށްވެސް ޝެއިޚް އިލްޔާސް ވިދާޅުވި އެވެ.
މީގެ އިތުރުން ދިވެހި ރައްޔިތުން އިސްލާމްދީން ނޫން އެހެން ދީނަކަށް ފުރުސަތު ނުދޭނެކަން މާޒީގައި ސާބިތުކޮށްދީފައިވާ ކަމަށާއި، 23 ސެޕްޓެމްބަރުގައި އަނިޔަވެރިކަމާއި ނާއިންސާފާއި ޚިޔާނާތާއި އަޅުވެތިކަމަށް ދިވެހި ރައްޔިތުން ނޫނެކޭ ބުނާނެކަން ޔަޤީންވާ ކަމަށްވެސް ޝެއިޚް އިލްޔާސް ވިދާޅުވި އެވެ.
"އިއްތިހާދަކީ ގަދަފަދަ ބާރެއްކަން ފެންނާނެ"، ޝެއިޚް އިލްޔާސް ވިދާޅުވި އެވެ.
މީގެ ކުރިން ޝެއިޚް އިލްޔާސް ޙުސައިން ވަނީ ރިޔާސީ އިންތިޚާބުގައި ތާއީދު ކުރައްވަނީ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) އަދި ރަނިންމޭޓް ފައިސަލް ނަސީމަށް ކަމަށް ވިދާޅުވެފައެވެ.
އެގޮތުން މިދިޔަ ޖުލައި މަހުގެ 30 ވަނަ ދުވަހު ކުރެއްވި ޓްވީޓެއްގައި ޝެއިޚް އިލްޔާސް ވިދާޅުވެފައި ވަނީ، "އަޅުގަނޑު ތާއީދު ކުރަނީ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް އަދި ރަނިންމޭޓް ފައިސަލް ނަސީމް އަށެވެ. މި ދެބޭފުޅުން ވެސް އިސްލާމްދީނަށް ލޯބި ކުރައްވައެވެ. އަދި ރައްޔިތުންގެ މަސްލަޙަތަށް އިސްކަންދެއްވައެވެ. ކިބުރުވެރިކަމާއި ބޮޑާކަމެއް ފެނިފައިނުވެއެވެ. އިންޝާ ﷲ ކާމިޔާބު ލިބޭނެ" ކަމަށެވެ.