ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓު އޮޅުވާލައިގެންވެސް މޮޅުވުމުގެ ފުރުސަތެއް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށް ނުދެއްވާނެ ކަމަށް ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.
އިބޫ މިހެން ވިދާޅުވީ ހދ. އަތޮޅުގެ ހުރިހާ ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ނެއްލައިދޫގެ އިއްތިހާދު ޖަގަހަ ހުޅުވައިދެއްވުމަށްފަހު ރައްޔިތުންނާއި ވާހަކަދައްކަވަމުންނެވެ.
އެގޮތުން އިބޫ ވިދާޅުވީ އިންތިޚާބު ރައީސް ޔާމީނަށް ކާމިޔާބު ކުރެއްވޭނީ އޮޅުވާލައިގެން ކަމަށާއި، ނަަމަވެސް އިދިކޮޅު ފަރާތްތަކުން އެ ފުރުސަތުވެސް އެމަނިކުފާނަށް ނުދެއްވާނެ ކަމަށެވެ.
ގާތްގަނޑަކަށް 100،000 މީހުން ވޯޓުލުމަށް ރީ-ރަޖިސްޓްރީވެފައިވާކަން ފާހަގަ ކުރައްވަމުން އިބޫ ވިދާޅުވީ އެހާ ގިނަ އަދަދެއްގެ ބަޔަކު ރީ-ރަޖިސްޓްރީކޮށްފައި ވުމަކީ ޤަބޫލު ކުރަން ދަތިކަމެއް ކަމަށެވެ. އަދި ހުރިހާ ބޭފުޅުން ވެސް ވޯޓު ލުމަށް ރަޖިސްޓްރީ ކޮށްފައިވާ ތަން ޔަގީންކުރުމަށް އިބޫ އެދިވަޑައިގެންނެވި އެވެ.
ރައީސް ޔާމީންގެ ސަރުކާރުން ނެއްލައިދޫއަށް ކޮށްދިން ހަމައެކަނި ކަމަކީ ފުޓްސަލް ދަނޑެއްގެ ވަށާ ފާރު ރާނައި ދިނުންކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ އިއްތިހާދުގެ ވެރިކަމެއްގައި މުވައްޒަފުންނަށް އެކަށޭނަ މުސާރައަކާއި އެލަވަންސްއެއްގެ އިތުރުން ވަޒީފާގެ ޔަޤަންކަން ކަށަވަރު ކޮށްދެއްވާނެ ކަމަށެވެ.
މީގެ އިތުރުން ނެއްލައިދޫގެ ނަރުދަމާ ގާއިމްކޮށް އެއް ދަންފަޅިއަށް ކިޔެވޭނެ އިންތިޒާމު ސްކޫލުގައި ޤާއިމް ކުރައްވާނެ ކަމަށް ވެސް އިބޫ ވައުދުވެވަޑައިގަތެވެ.
ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި އެ ރަށުގައި ހަދަން ފަށާފައިވާ ބަނދަރު މިހާރު ބޭނުން ކުރަމުން އައި ކަމުގައިވިޔަސް، މޫސުން ގޯސް ދުވަސްވަރުގައި ބަނދަރުގައި އޮޑިދޯނިފަހަރު އަޅާފައި ބޭނުމަކީ ދަތި ކަމެކެވެ.
އެހެންކަމުން އިއްތިހާދުގެ ސަރުކާރެއްގައި މިރަށު ބަނދަރު ރައްޔިތުން ބޭނުންވާ ގޮތަށް މަރާމާތު ކޮށްދެއްވާނެ ކަމަށްވެސް އިބޫ ވިދާޅުވި އެވެ.