Last Updated: June 24, 13:09
Wednesday, June 24, 2026
ޚަބަރު

ދީނީ ކަންކަން ސިޔާސީ ނުކުރާނަން: ފައިސަލް

އިއްތިހާދުގެ ރަނިންމޭޓް ފައިސަލް ނަސީމް ފީއަލީ ރައްޔިތުންނާއި ވާހަކަދައްކަވަނީ - ފޮޓޯ: ޓްވިޓާ (އެމްޑީޕީ)

އިއްތިހާދުގެ ވެރިކަމެއްގައި ދީނީ އެއްވެސް ކަމެއްގެ ތެރެއަށް ނުވަތަ އިސްލާމިކް މިނިސްޓްރީގެ އެއްވެސް ކަމެއްގެ ތެރެއަށް ސިޔާސީ ކަންތައްތައް ނުވައްދާނެ ކަމަށް ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ފައިސަލް މިހެން ވިދާޅުވީ ފ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު ފީއަލި ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން ފައިސަލް ވިދާޅުވީ ހައްޖު ކޯޓާ ބެހުމުގައި ދެފުށް ފެންނަ، ހަމަހަމަ ގޮތަކަށް ސަރުކާރުން ޢަމަލު ކުރަންޖެހޭ ކަމަށާއި އިސްލާމިކް މިނިސްޓްރީއަކީ ހަމަހަމަ ކަމާއެކު ވަކި ފަރާތަކަށް ބުރަނުވެ، ސިޔާސީ ކަންތައްތައް އެއްފަރާތްކޮށް ހިންގޭ މުއައްސަސާއަކަށްވާން ޖެހޭ ކަމަށެވެ.

ފައިސަލް ވިދާޅުވީ އިއްތިހާދުގެ ސަރުކާރެއްގައި ދީނީ އެއްވެސް ކަމެއްގެ ތެރެއަށް ނުވަތަ އިސްލާމިކް މިނިސްޓްރީގެ އެއްވެސް ކަމެއްގެ ތެރެއަށް ސިޔާސީ ކަންތައްތައް ނުވައްދާނެ ކަމަށެވެ.

ފަހަކަށް އައިސް ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައިވަނީ ހުކުރު ޚުތުބާ ސިޔާސީވުންކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ ދީނީ ކަންކަމުގެ ތެރެއަށް ސިޔާސީ ފިކުރު ވައްދައިގެން ޤައުމުގެ ޅަ ކުދީންނަށް އޮޅުންއަރާފަދަ ގޮތަކަށް ސަރުކާރުން ކަންކަން ކުރުމަކީ ކުށްވެރިކުރާ ކަމެއް ކަމަށެވެ.

ފައިސަލް ވިދާޅުވީ، އިއްތިހާދުގެ ވެރިކަމެއްގައިއެންމެ ބޮޑަށް ބާރު އަޅާނީ ދީނީ އަޤީދާ ވަރުގަދަކޮށް، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ދެމިތިބުމަށް ކަމަށެވެ.

ހައްޖަށް ދިއުމަށްޓަކައި ވަރަށް ބުރަ މަސައްކަތްކޮށްގެން، އެތައް އަހަރަކުން ޖަމާކުރާ ފައިސާކޮޅު ދެއްކުމަށްފަހު، ހައްޖަ ނުދެވި އަދި ފައިސާކޮޅު ވެސް ނުލިބި އެތައް ރައްޔިތުންނެއް ތިބިކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ، މިހާރު ހައްޖަށް ދިއުމުގެ ކަންކަން ހަމަނުޖެހިތިބި ފަރާތްތަކަށް އެ މައްސަލަ ޙައްލުކޮށްދިނުމަށް މަސައްކަތް ކުރުމަކީ އިއްތިހާދުގެ ވެރިކަމެއްގައި އެންމެ އިސްކަންދޭނެ އެއްކަން ކަމަށެވެ.