މި އަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާ ދުވަސް ކަމުގައިވާ 23 ސެޕްޓެމްބަރު 2018 ވާ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ހަމަޖައްސަވައިފި އެވެ.
އެހެންކަމުން އިންތިޚާބަށްފަހު ސަރުކާރު ހުޅުވޭނީ 24 ސެޕްޓެމްބަރު 2018 ވާ ހޯމަ ދުވަހު އެވެ. ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސައިފިއެވެ.
މިގޮތަށް ސަރުކާރުން ހަމަޖެއްސިއިރު، ރިޔާސީ އިންތިޚާބު ބާއްވާ ދުވަހަކީ ރަސްމީ ބަންދު ދުވަހެއް ކަމުގައި ކަނޑައަޅައި ދިނުމަށް އެދި ކުރީގެ ބަަންޑާރަ ނާއިބް އަލްއުސްތާޒު ހުސްނުއްސުއޫދު ސުޕްރީމް ކޯޓަށް މައްސަލައެއް ވެސް ހުށަހެޅި އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފައެވެ.
ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު 16:00 އަށް ހަމަވިއިރު، އިންތިޚާބަށް ކުރިމަތިލައްވާފައިވަނީ ދެ ކެންޑިޑޭޓެކެވެ.
އެއީ ސަރުކާރު ހިންގާ ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ފަރާތުން ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އާއި އެމަނިކުފާނުގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އަދި ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އަދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕީޖީ ލީޑަރު، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ޖުމްހޫރީ ޕާޓީގެ ފަރާތުން ނެރުނު ރަނިންމޭޓް ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް އެވެ.
ރިޔާސީ އިންތިޚާބަށް ވޯޓުލުން ކުރިއަށްދާނީ އަންނަ މަހުގެ 23 ވަނަ ދުވަހުގެ ހެނދުނު 8:00 ން ހަވީރު 16:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނިޓު ފަހުންނެވެ.
މި އަހަރުގެ އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ 30 ސެޕްޓެމްބަރ 2018 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިންނެވެ.