"ހިޔާ އެކޮމްޕްލިޝްޑް" މަޝްރޫޢުގެ ދަށުން ގުޅިފަޅު ހިއްކައިގެން ތަރައްޤީކުރާ ވިލިމާލެ 2 ގައި 1000 އަކަފޫޓުގެ ފުލެޓު އަދި ކ.ފުށިދިއްގަރު ހިއްކައިގެން ތަރައްޤީ ކުރާ ބިމުން 1000 އަކަފޫޓުގެ ގޯއްޗަށް ކުރިމަތިލުމަށް 3،000 ފޯމް ދޫކޮށްފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް، އަހްމަދު ފަޒާލް ވިދާޅުވީ އެ މަޝްރޫއަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި މިހާތަނަށް، 3،000 ފޯމު ނަގާފައިވާ ކަން އެ މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ކަމަށެވެ.
މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ވިލިމާލެ 2 ތަރައްގީ ކުރަން ނިންމާފައި ވަނީ، 300،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ކަމަށެވެ.
އެ މަޝްރޫއުގެ އަމަލީ މަސައްކަތް ލަސްތަކެއް ނުވެ ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން ވެސް ވަނީ ބުނެފައިވާ އިރު، އެ މަސައްކަތް އަދި ފެށިފައިނުވާކަން ފާހަގަކޮށްލެވެއެވެ.
މި މަޝްރޫޢުގެ ދަށުން ވިލިމާލެ ގުޅީފަޅުން 230 ހެކްޓަރާއި ފުށިދިއްގަރު ފަޅުން 800 ހެކްޓަރު ބިން ހިއްކަން ހަމަޖެހިފައިވާއިރު، އެ ބިމުން 130 ހެކްޓަރުގައި 1000 އަކަފޫޓްގެ 82000 ފްލެޓް އަޅާނެ އެވެ.
މި މަޝްރޫއާ އެކު ބްރިޖުން މާލެ އާއި ވިލިމާލެ އާއި ވިލިމާލެ 2 އަދި ގުޅީފަޅާއި ތިލަފުށި ގުޅުވާލާނެ އެވެ.
ހައުސިންގ މިނިސްޓްރީން ކުރިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ މިމަޝްރޫޢުގެ ދަށުން ފްލެޓާއި ބިމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކަށް 07 އޮގަސްޓް އިން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހާއި ހަމައަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން ފުލެޓާއި ބިމަށް ކުރިމަތިލުމަށް އެދޭ ފޯމު، ހައުސިން މިނިސްޓްރީގެ ހިޔާ އެކްސްޕޯއިންނާއި ވެބްސައިޓް www.housing.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.
މީގެ އިތުރުން މޯލްޑްވްސް ޕޯސްޓް ލިމިޓެޑްގެ ހެޑް އޮފީހާއި ވެލާނާގޭ ޕޯސްޓް ޝޮޕުން ލިބޭން ހުންނާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
ހައުސިން މިނިސްޓްރީން ބުނީ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެ މިނިސްޓްރީގެ ހިޔާ އެކްސްޕޯއިން 15 އޯގަސްޓް 2018 ވާ ބުދަ ދުވަހުން ފެށިގެން 31 ޖަނަވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި ކަމަށެވެ.