ރިޓަޔާ ކުރާ އަމުރު ބަދަލުކުރަން ނިންމީ އުމުރުން ދުވަސްވީ މީހުންނަށް އިތުރު އާމްދަނީ ހޯދައިދިނުމުގެ ނިޔަތުގައި ކަމަށާއި އެއްވެސް އިނާޔަތެއް ކަނޑާނުލާނެ ކަމަށް ވެރިކަންކުރާ ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
އަދުރޭ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
Vazeefaa adhaa kurevey mathee umuru,65 aharun 72 aharah nuvatha 74 aharah badhalu kurumakee Gaumu binaa kurumuga dhoshee umuruge Rayyithunge baiverivun ithuru kurumaa’eku ituru aamdhanee libumah magufahi kohdhinumuge visnun fulheh.@Ch13official @avasmv @VaguthuOnline @PSMnewsmv
— Abdul Raheem Abdulla (@Banafsaa) August 11, 2018
އެ ޓްވީޓްގައި އަދުރޭ ވިދާޅުވެފައި ވަނީ ވަޒީފާ އަދާކުރެވޭ އެންމެ މަތީ އުމުރު 65 އަހަރުން 72 އަހަރަށް ނުވަތަ 74 އަހަރަށް ބަދަލު ކުރުމަކީ ޤައުމު ބިނާ ކުރުމުގައި ދޮށީ އުމުރުގެ ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުމާއެކު އިތުރު އާމްދަނީ ލިބުމަށް މަގުފަހިކޮށްދިނުމުގެ ވިސްނުންފުޅެއްގައި ކަމަށެވެ.
ރިޔާސީ ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފިނަމަ، ރިޓަޔާ ކުރާ އުމުރު 75 އަހަރަށް ބަދަލު ކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.
އަދުރޭ މިހެން ވިދާޅުވެފައި މިވަނީ ރައީސް ޔާމީން ހުވަދުއަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި ގދ. ފަރެސްމާތޮޑާގައި ރައްޔިތުންނާއި މުޚާތަބު ކުރައްވައި، ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފިނަމަ ރިޓަޔާ ކުރާ އުމުރު 74 ނުވަތަ 75 އަހަރަށް ބަދަލުކުރައްވާނެ ކަމަށް ވިދާޅުވުމުން، ދުވަސްވީ މީހުންނަށް ދޭ އިނާޔަތް ކަނޑާލަނީ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރަމުންދާތީ އެވެ.
ރައީސް ޔާމީން ވިދާޅުވީ 65 އަހަރުގައި ރިޓަޔާ ކުރަން ޖެހޭނެ ކަމަކަށް ޤަބޫލެއް ނުކުރައްވާ ކަމަށާއި، ދިއިރުޅުމުގެ ވައްޓަފާޅިއާއި ސިއްޙީ ކަންކަމަށް އައިސްފައިވާ ބަދަލުތަކާއި، ފަރުވާ ދިނުމުގައި ހުރި ފަސޭހަތަކަށް ބަލާއިރު އެ ޤާނޫނަށް ވެސް ބަދަލު ގެންނަން ޖެހޭ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ 65 އަހަރަކީ އެއްގޮތަކަށް ވެސް މީހުން މަސައްކަތް ނުކޮށް ތިބެން ޖެހޭ އުމުރެއް ނޫން ކަމަށާއި އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު ސަރުކާރުން ކުރާނެ މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ އެއް ކަމަކަށް ރިޓަޔާ ކުރާ އުމުރު 75 އަކަށް ބަދަލުކުރެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.
މީގެ ކުރިން މި ސަރުކާރުން ވަނީ އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ލިބޭ އިނާޔަތް 5000 ރުފިޔާއަށް އިތުރުކޮށްފަ އެވެ. އެހެންކަމުން، އެ ޤާނޫނަށް ބަދަލު ގެނައުމާއެކު އިނާޔަތް ލިބޭ އުމުރުވެސް 75 އަހަރަށް ބަދަލުވާނެ ކަމަށް ލަފާކުރެވެއެވެ.