Last Updated: June 24, 11:27
Wednesday, June 24, 2026
ޚަބަރު

ސްވާފްގެ ސީނިއާ ނައިބު ރައީސަކަށް ޝަވީދު

ސައުތު ވެސްޓް ފުޓުބޯޅަ ފެޑެރޭޝަނުގެ އިސް މަގާމަކަށް ހޮވުނު ރާއްޖޭގެ ޝަވީދާއި އެކު އެ ޖަމިއްޔާގެ މަގާމުތަކަށް ހޮވުނު ބޭފުޅުން

އަލަށް އުފެއްދި ސައުތު ވެސްޓް އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސްވާފް)ގެ ސީނިއާ ވައިސް ޕްރެޒިޑެންޓަކަށް ރާއްޖޭގެ އޮލިމްޕިކް ކޮމެޓީގެ ރައީސް މުހައްމަދު ޝަވީދު އައްޔަންކޮށްފި އެވެ.

ޝަވީދު އެ މަޤާމަށް އައްޔަނުކުރީ އެ ޖަމްއިއްޔާގެ ފުރަތަމަ އާންމު ޖަލްސާގައެވެ. އޭނާއަށް އެ މަޤާމަށް އިންތިޚާބުވެވަޑައިގަތީ ޕާކިސްތާނުގެ ފުޓުބޯޅަ އިދާރާގެ ރައީސް މަހްޒޫމް ފައިސަލް އާއި ވާދަކޮށް ވޯޓުން ކުރި ހޯއްދަވައިގެންނެވެ. ޝަވީދަށް 8 ވޯޓު ލިބުނު އިރު މަހްޒޫމަށް ލިބުނީ މެމްބަރު ގައުމުތަކުގެ 4 ވޯޓެވެ.

އެ ޖަލްސާގައި އެ ޖަމްއިއްޔާގެ ރައީސްގެ އިތުރުން އިސް މަގާމުތަކަށް މެމްބަރުން ވަނީ އައްޔަނުކޮށްފައެވެ.

އެގޮތުން ސްވާފްގެ ރައީސަކަށް އައްޔަނުކޮށްފައިވަނީ ސައުދީ އަރަބިއާގެ ފުޓުބޯޅަ އިދާރާގެ ރައީސަކަށް ހުރި އާދިލް ބިން މުހައްމަދު އިއްޒަތު ކަމަށްވާއިރު، އެ ޖަމިއްޔާގެ ދެވަނައަށް އެންމެ އިސް މަގާމު ލިބުނީ ޝަވީދަށެވެ.

މީގެއިތުރުން އެ ޖަލްސާގައި ދެކުނު އޭޝިއާގެ ނައިބު ރައީސަކަށް އައްޔަނުކޮށްފައިވަނީ އިންޑިއާގެ ފުޓުބޯޅަ އިދާރާގެ ކުރީގެ ނައިބް ރައީސް ސުބްރަތާ އެވެ. އަދި ހުޅަނގު އޭޝިއާއިން އައްޔަނުކޮށްފައިވަނީ އެކުވެރި އަރަބި އިމާރާތަށް ނިސްބަތްވާ ކުރީގެ ފުޓުބޯޅަ ކުޅުންތެރިޔާ އަދި އެ ޤައުމުގެ ފުޓުބޯޅަ އިދާރާގެ އިސް މަޤާމުތަކެއް ފުރުއްވި އަބްދުﷲ އަލް ޖުނައިބީ އެވެ.

އެ ޖަލްސާގައި ސްވާފްގެ އެކްސްކޯ ވެސް ހޮވާފައިވާއިރު، އެކްސްކޯގައި ހިމެނެނީ ފަސް މެމްބަރުންނެވެ. އޭގެތެރޭގައި އަންހެން މެމްބަރެއްވެސް އެވެ.

އެކްސްކޯ އައްޔަންކުރުމުގެ އިތުރަށް ޖަމިއްޔާގެ އަސާސީ ޤަވާއިދުވެސް ވަނީ މި ޖަލްސާގައި ފާސްކޮށްފައެވެ.

ދިވެހިރާއްޖެ އަކީ ސައުދި އަރަބިއްޔާ އިސްނަގައިގެން އުފެއްދި މި ޖަމިއްޔާގެ ފައުުންޑިންގ މެމްބަރެކެވެ.