Last Updated: June 24, 11:27
Wednesday, June 24, 2026
ޚަބަރު

މިދިޔަ މަހު މީރާ އަށް 2.1 ބިލިއަން ރުފިޔާ

ދައުލަތުގެ ޓެކްސް އިދާރާ - ފޮޓޯ: މީރާ

ރާއްޖެއަށް އާމްދަނީގެ ގޮތުގައި މިދިޔަ މަހު 2.1 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ދައުލަތުގެ ޓެކްސް އިދާރާ ކަމަށްވާ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.

މިއީ މީރާއިން މިދިޔަ މަހު ލިބޭނެ ކަމަށް ލަފާކުރި އަދަދަށް ވުރެ އެއް ޕަސެންޓް އިތުރު އަދަދެކެވެ. އަދި މިއީ މިދިޔަ އަހަރުގެ ޖުލައި މަހު ލިބުނު އަދަދާ އަޅާބަލާއިރު، ދެ ޕަސެންޓް އިތުރު އަދަދެކެވެ.

މީރާއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު މީރާއަށް ލިބިފައިވާ 2.1 ބިލިއަން ރުފިޔާގެ ތެރެއިން ޑޮލަރުން ބަލައިގެންފައި ވަނީ 47.4 މިލިއަން ޑޮލަރެވެ. އެއީ 730 މިލިއަން ރުފިޔާއެވެ.

މިދިޔަ މަހުގެ އާމްދަނީގެ އެންމެ ބޮޑު ޕަސެންޓަކީ ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް ކަމަށްވާ ބީޕީޓީ އެވެ. އެގޮތުން މިދިޔަ މަހު ބީޕީޓީގެ ގޮތުގައި 934 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއީ އާމްދަނީގެ 43 ޕަސެންޓެވެ.

ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީންނެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި 519 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެއީ އާމްދަނީގެ 24 ޕަސެންޓެވެ. ބޭންކް ޕްރޮފިޓް ޓެކްސްގެ ގޮތުގައި ލިބުނު ފައިސާ އާމްދަނީގެ 16 ޕަސެންޓްގައި އޮތްއިރު، ބާކީ ހުރީ ޓޫރިޒަމް ލޭންޑް ރެންޓާއި ގްރީން ޓެކްސްގެ އިތުރުން އެހެނިހެން ފީގެ ގޮތުގައި ލިބުނު އާމްދަނީ އެވެ.

މިދިޔަ މަހުގެ އާމްދަނީ އިތުރުވެފައި ވަނީ ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް ނުވަތަ ބީޕީޓީ ދެއްކުމުގެ މުއްދަތު މިދިޔަ މަހު ހަމަވުމުން ބީޕީޓީގެ ގޮތުގައި ލިބުނު މިންވަރު އިތުރުވުމުން ކަމަށް މީރާ އިން ބުނެއެވެ.