Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

”ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލް“ ރައީސް ތަޞްދީޤު ނުކުރައްވައި، އަނބުރާ މަޖިލީހަށް ފޮނުއްވައިފި

ޑިސެމްބަރު 17، 2012ގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައި، ތަޞްދީޤު ކުރެއްވުމަށް ރައީސަށް ފޮނުވި "ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލް" ރައީސް ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކު ތަޞްދީޤު ނުކުރައްވައި، އަލުން މަޖިލީހުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން، އެ ބިލް އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

މި ބިލާ ގުޅޭ ގޮތުން ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައި ވަނީ ބިލަށް އެޓަނީޖެ ނެރަލް(އޭޖީ) ގެ ޤާނޫނީ ލަފާ ހޯއްދެވުމަށް ފޮނުއްވުމުން، ބިލާ ގުޅޭ ގޮތުން އޭޖީ ފާހަގަކުރެއްވި 10 މައްސަލައަކަށް ވަރަށް ތަފްޞީލުކޮށް ބައްލަވާލައްވާފައިވާ ކަމަށެވެ. އަދި އޭޖީ ފާހަގަ ކުރައްވާފައިވާ މައްސަލަތަކަށް ރިޢާޔަތް ކުރައްވައި، ބިލަށް އިޞްލާޙު ގެންނަވަން ފެނިވަޑައިގަންނަވާ ކަމަށް ރައީސްގެ ސިޓީފުޅުގައި ވިދާޅު ވެފައިވެ އެވެ.

މިގޮތުން ބިލުގެ މަޤްޞަދަކީ ބިލުން އިސްތިސްނާ ކޮށްފައި ނުވާ ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތައް އެއްގޮތް ކުރުން ކަމަށްވެފައި، ބިލުގެ 17 ވަނަ މާއްދާ އިން ނޭޝަނަލް ޕޭ ކޮމިޝަންގެ މަސްއޫލިއްޔަތުތަކަކީ، ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަ އާއި ޢިނާޔަތްތަކާ ގުޅޭ ކަންކަން ހަމަޖެއްސުން ކަމަށް ބަޔާންކޮށްފައިވާއިރު، އެހެން ޤާނޫނުތަކުން އުފެދިފައިވާ މުއައްސަސާތަކުގެ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތާބެހޭ މާއްދާތައް އުވާލުމަށް ކަނޑައެޅުމުން، ޤާނޫނީގޮތުން ތަޢާރުޟުވުންތަކެއް އުފެދިފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ. އަދި ބިލުގައި ބުނެފައި ނެތް މުއައްސަސާތައް ނުވަތަ އިދާރާތަކުގެ މައްޗަށް ބިލުގައި ބުނާ އުޞޫލުތައް ހިނގުމުގައި ނުވަތަ ހިންގުމުގައި ދަތިތަކާ ކުރިމަތިވާނެ ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ވެސް ރައީސް ވިދާޅު ވެފައިވެ އެވެ.

ބިލުގެ 14 ވަނަ މާއްދާގެ ދަށުން "ނޭޝަނަލް ޕޭ ކޮމިޝަން" ގެ ސެކްރެޓޭރިއަޓް ޤާއިމްކުރާނީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ކަމުގައިވީ ނަމަވެސް، ބިލުގެ 15 ވަނަ މާއްދާގެ (ހ)ގެ ދަށުން ކޮމިޝަންގެ ސެކްރެޓޭރިއަޓަށް ބޭނުންވާ މުވައްޒަފުން ހަމަޖައްސާނީ، ކޮމިޝަންގެ ލަފާގެ މަތިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ކަމަށް އޮތުމުން، އެމުވައްޒަފުންނަކީ ދިވެހި ސިވިލް ސަވިސް އަށް ނިސްބަތްވާ ބައެއްކަން ސާފުނުވާ ކަމަށް ވެސް ފާހަގަ ކުރައްވާފައިވެ އެވެ. އަދި އެމީހުންގެ މުސާރަ އާއި ޢިނާޔަތް ކަނޑައަޅާނީ، ކޮން ފަރާތަކުންކަން ސާފުނުވާކަން ރައީސް އިތުރަށް ފާހަގަ ކުރައްވާފައި ވެ އެވެ.

ހަމައެއާ އެކު ރައީސާއި ރައީސްގެ ނައިބާއި، ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ނައިބު ރައީސާއި، މެންބަރުންނާއި، ފަނޑިޔާރުންނާއި، މުސްތަޤިއްލު ކޮމިޝަންތަކުގެ މެންބަރުންނާއި، މުސްތަޤިއްލު މަޤާމުތަކުގައި ތިއްބެވި ފަރާތްތަކުގެ މުސާރައާއި ޢިނާޔަތް ކަނޑައަޅުއްވަނީ، ރައްޔިތުންގެ މަޖިލީހުން ކަމަށްވީ ނަމަވެސް، އެ ފަރާތްތަކުގެ މުސާރަ އާއި ޢިނާޔަތް ހަމަޖެހިފައި ވަނީ ދިވެހި ދައުލަތުގެ ބަޖެޓުން ކަމަށްވާތީ، އެ ފަރާތްތައް ބިލުން އިސްތިސްނާވާ ސަބަބެއް، ބިލުގައި ބަޔާންކޮށްފައި ނުވާ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

އަދި ބިލުގެ އެއްވެސް މާއްދާއަކުން ޝަރުޢީ ދާއިރާގެ މުވައްޒަފުންނާއި، ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފުންގެ މުސާރަ އާއި ޢިނާޔަތްތައް، ނޭޝަނަލް ޕޭ ކޮމިޝަންގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭނެ އުޞޫލެއް ބަޔާންކުރެވިފައި ނެތްކަން ފާހަގަ ކުރައްވާފައި ވެ އެވެ.

އެހެންކަމުން މިއީ މި ޤާނޫނުގެ މަޤްޞަދު އެންމެ ފުރިހަމަ ގޮތުގައި ޙާޞިލު ކުރުމަށް އޮތް ހުރަހަކަށް ވާނޭ ކަމެއް ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވެފައި ވެ އެވެ.