Last Updated: April 25, 08:57
Thursday, April 25, 2024
ޚަބަރު

ވިޔަފާރި އިމާރާތްތައް ދެ ބުރިއަށް ވުރެ މައްޗަށް ނެގޭނެ

އައްޑޫން މިހާރު ވިޔަފާރީގެ ބޭނުންތަކަށް ކުއްޔަށް ދޭން ނިންމާފައިވާ ބިންތަކުގައި އެންމެ އުސްކޮށް އިމާރާތް ކުރެވޭނީ ދެ ބުރިއަށް ކަމަށް ކަނޑައަޅާފައި އޮތް އޮތުން ހައުސިން މިނިސްޓްރީން އުނިކޮށްފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ކުއްޔަށް ދޫކުރާ ބިންތަގައި އިމާރާތް ކުރެވޭނެ އެންމެ އުސްމިން ގޮތުގައި ދެ ބުރިކަމަށް ކަނޑައަޅާފައި އޮތުމުން ބިންތަކަށް ހުށަހެޅުމަށް އޮތް ފުރުސަތު ހަނިވެގެންދާތީ، އެ ޝަރުޠު އުނިކޮށް ފުރުޞަތު އަލުން ހުޅުވައިލާ ކަމަށެވެ.

އައްޑޫގެ އަވަށްތަކުން ވިޔަފާރިތަކަށް ޖުމްލަ 68 ބިމެއް ދޫކުރަން ނިންމާފައިވާ އިރު، އެ ބިންތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 16 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

އައްޑޫން ބިންތައް ދޫކުރަނީ 4 ޒޯނަކުންނެވެ. އެއީ ބަންދަރު ސަރަޙައްދާއި އީސީސީ ސަރަޙައްދާއި ލިންކްރޯޑް ނުވަތަ ޕްރައިމަރީ މަގުތަކާއި އަދި މީހުންދިރިއުޅޭ ސަރަޙައްދުތަކުންނެވެ.

އެންމެ ގިނަ ބިންތައް ދޫކުރަނީ ފޭދޫންނެވެ. އެގޮތުން ފޭދޫން 1،000-1،500 އަކަފޫޓާ ދެމެދުގެ 25 ބިން ދޫކުރަން ހަމަޖެހިފައިވެ އެވެ.

ހިތަދޫން 1،800-2،900 އަކަފޫޓާ ދެމެދުގެ 14 ބިމެއް ކުއްޔަށް ދޫކުރަން ހަމަޖެހިފައިވާ އިރު މީދު އާއި މަރަދޫން ދޫކުރުމަށް ހަމަޖެހިފައިވަނީ، އެއިން ކޮންމެ އަވަށަކުން 6 ބިމެވެ. މަރަދޫން ދޫކުރަނީ 1،000 އަކަފޫޓުގެ ބިންތަކެކެވެ. އަދި މީދޫން ދޫކުރުމަށް ހަމަޖެހިފައިވަނީ 3،000 އަކަފޫޓޫގެ ބިންތަކެކެވެ.

މަރަދޫފޭދޫން 1،000-1200 އަކަފޫޓުގެ 10 ބިން ދޫކުރާ އިރު ހުޅުދޫއިން 2،000-3،000 އަކަފޫޓުގެ 7 ބިން ދޫކުރާނެ އެވެ.

މި ބިންތަކަށް ކުރިމަތި ލެވޭނީ އައްޑޫގެ ރައްޔިތުންނަށް އެކަންޏެވެ. އަދި ބިންތައް ދިނުމުގައި މައިގަނޑު ގޮތެއްގައި ބަލަނީ ހުށައަޅާ އަގަށާއި ޕްރޮޕޯސަލްއަށެވެ.

ކުއްޔަށް ބިންތައް ކުއްޔަށް ދޫކުރަނީ 5 އަހަރުގެ މުއްދަތަކަށެވެ.