ސިވިލް ސާވިސް މުވައްޒިފުން ޓުވިޓާގައި ޓުވީޓެއް ކޮށްގެން ނުވަތަ ފޭސްބުކް ޕޯސްޓަކަށް ލައިކެއް ދީގެން ވަޒީފާއިން ވަކިކުރުމަކީ ލަދުވެތިވާ ކަމެއް ކަމަށް އިއްތިހާދުގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނިލަންދުއަށް ފައިސަލް ކުރައްވާ ދަތުރުފުޅުގައި އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި މިސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެފައިވެއެވެ. އެގޮތުން މުއައްސަސާތައް ސިޔާސީވެފައިވާ މިންވަރަކީ މިއަދު ލަދުވެތިވާ ކަމެއް ކަމަށް ފައިސަލް ވިދާޅުވިއެވެ.
މީގެ އިތުރުން ރައްޔިތުންނާ އެންމެ ގާތުން މަސައްކަތް ކުރާ ކައުންސިލަރުން ސަސްޕެންޑުކޮށް އެބޭފުޅުންގެ މަސައްކަތަށް އަޅާ ހުރަސް ފައިސަލް ވަނީ ކުށްވެރި ކޮށްފައެވެ.
އިއްތިހާދުގެ ވެރިކަމެއްގައި އެއްވެސް ފަރާތަކުން ތަފާތުނުކޮށް މުއައްސަސާތައް މިނިވަން ކުރާނެ ކަމަށާއި ގާނޫނާއި ގަވާއިދުތަކުގެ މަތިން ނޫން ގޮތަކަށް ކަންތައް ނުކުރާނެ ކަމުގެ ޔަގީންކަން ފައިސަލް ވަނީ ދެއްވާފައެވެ.
އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާއި ރަނިންމޭޓް ފައިސަލް ނަސީމް ގެންދަވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޒިޔާރަތް ކޮށް ރައްޔިތުންނާ ބައްދަލުކޮށް ޚިޔާލު ހޯދައި ވައުދުތައް ރައްޔިތުންނާ ހަމައަށް ގެނެސްދެއްވަމުންނެވެ.
އިދިކޮޅު ފަރާތްތަކުގެ އިތުރުން ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ރަނިންމޭޓް ޑރ. ޝަހީމްގެ އިތުރުން ސަރުކާރުގެ އިސް ބޭފުޅުން ވެސް ގެންދަވަނީ ބާރު ސްޕީޑެއްގައި ކެމްޕޭނު ކުރައްވަމުންނެވެ.