Last Updated: June 11, 13:15
Thursday, June 11, 2026
ޚަބަރު

ރާއްޖެއާ މެދު ކަންބޮޑުވޭ، ކަންކަން އިސްލާހުކުރޭ: މޯދީ

ދިވެހި ރާއްޖޭގެ ސިޔާސީ މަސްރަހާ މެދު ކަންބޮޑުވާ ކަމަށާއި ރިޔާސީ އިންތިޚާބުގެ ކުރިން ކަންތައްތައް އިސްލާހު ކުރުން މުހިއްމު ކަމަށް އަވަށްޓެރި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.

އިންޑިޔާގެ ޓައިމްސް އޮފް އިންޑިޔާ ނޫހަށް ދެއްވި އިންޓަވިއުއެއްގައި މޯދީ ވިދާޅުވެފައިވަނީ ރާއްޖޭގެ ސިޔާސީ މަސްރަހަކީ ބައިނަލް އަގުވާމީ މައިދާނުގައި ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އުއްމީދު ކުރައްވަނީ ރިޔާސީ އިންތިޚާބުގެ ކުރިން މުއައްސަސާތައް މިނިވަންކޮށް ޝަރުއީ ދާއިރާ އިންސާފުވެރި ކަމާއެކު ހިންގުމުގެ ފުރުސަތު ދިނުން ކަމަށް މޯދީ ވިދާޅުވިއެވެ.

މޯދީގެ މި އިންޓަވިއުއާ ގުޅޭގޮތުން ދިވެހި ސަރުކާރުން އަދި އެއްޗެއް ހާމަކޮށްފައި ނުވި ނަމަވެސް ފަހަކަށް އައިސް އިންޑިޔާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު އޮތް ގުޅުން ހީނަރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

އިންޑިޔާއިން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ދެ ހެލިކޮޕްޓަރުވެސް އަނބުރާ ގެންދަން އަންގާފައިވާއިރު ދިވެހި ސަފީރު ވަނީ ދާދި ފަހުން ހެލިކޮޕްޓަރު ރާއްޖެއަށް މިހާރު ބޭނުމެއް ނޫން ކަމަށް ވިދާޅުވެފައެވެ.