Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ރާއްޖޭގެ ފުރަތަމަ އޯޕެން ހާޓް ސާޖަރީ އޭޑީކޭގައި

އޯޕެން-ހާޓް ސާޖަރީއާއި ބެހޭގޮތުން އޭޑީކޭގައި ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން - ފޮޓޯ: އޭޑީކޭ

ރާއްޖޭގައި ފުރަތަމަ ފަހަރަށް އޯޕެން ހާޓް ސާޖަރީއެއް މާލޭގައި ހުންނަ އޭޑީކޭ ހޮސްޕިޓަލުގައި ކޮށްފި އެވެ.

ކާމިޔާބުކަމާއެކު އޭޑީކޭގައި މި ސާޖަރީކޮށްފައި ވަނީ މި މަހުގެ 11 ވަނަ ދުވަހު އެވެ. އެ ސާޖަރީގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ އޭޑީކޭގެ ކާޑިއޯ ވެސްކިއުލާ އެންޑް ތޮރެސިކް ސާޖަން ޑރ. މުހައްމަދު ޝާފިއުއެވެ.

މިއަދު އޭޑީކޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ޝާފިއު ވިދާޅުވީ އޯޕަން ހާޓް ސާޖަރީއަކީ ހިތް ހުޅުވައިގެން ކުރާ ސާޖަރީއެއް ކަމަށާއި ބައިޕާސް އާއި އޯޕަން ހާޓް ސާޖަރީއާއި ހުރި ތަފާތަކީ ބައިޕާސް އަކީ ހިތް ނުހުޅުވާ ހިތުގެ ބޭރުން ކުރާ ސާޖަރީއަކަށް ވުން ކަމުގައެވެ.

ޑރ. ޝާފިއު ވިދާޅުވީ އޯޕަން ހާޓް ސާޖަރީކުރުމުގައި ދެ ޓެކްނިކްއެއް ބޭނުން ކުރާ ކަމަށައި އެއީ "ހާޓް ލަންގް މެޝިން" ބޭނުންކޮށްގެން ހިތް ހުއްޓުވުމަށް ފަހު ނުވަތަ ހިތް ޕެރެލައިސް ކުރުމަށްފަހު ސާޖަރީ ކުރުން ކަމަށާއި އަނެއް ޓެކްނިކް އަކީ ބީޓިންގް ހާޓް ޓެކްނިކް ކަމަށެވެ. ބީޓިންގް ހާޓް ޓެކްނިކް އަކީ ހިތް ނުހުއްޓުވާ ކުރާ ސާޖަރީއެއް ކަމަށާއި އެ ސާޖަރީ ކުރާނީ ސްޓޭބްލައިޒާއެއް ބޭނުންކޮށްގެން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އޭޑީކޭއިން އޯޕަން ހާޓް ސާޖަރީ ކޮށްފައިވަނީ އުމުރުން 25 އަހަރުގެ އަންހެނަކަށް ކަމަށާއި އޭނާ އެ ސާޖަރީ ކުރަން ޖެހުނީ ހިތުގެ މައިޓްރަލް ވޭވް ޑިޒީޒް ޖެހިގެން ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށްވެސް ޑޮކްޓަރުން ބުނެއެވެ.

އޭޑީކޭއިން ކުރާ އޯޕަން ހާޓް ސާޖަރީއަށް 77000 ރުފިޔާ ޚަރަދުވާއިރު، އޭޑީކޭއިން ހަދާ ހިތުގެ ހުރިހާ ސާޖަރީއެއްގެ 65 އިންސައްތަ ކަވަރުކުރާނީ އާސަންދައިންނެވެ.