ދިވެހި ރައްޔިތުން ބޭނުންވަނީ ރައީސް ޔާމީން ގެނެސްދެއްވިފަދަ ތަރައްޤީ ކަމަށާއި އިދިކޮޅު ފަރާތްތަކުން ގެންނަ "ޖަޒީރާ ތަރައްޤީ" ދިވެހިންނަށް ކަމުނުދާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ މިއަދު ތ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު ތިމަރަފުށްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި މުޚާތަބު ކުރައްވަމުންނެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ރައީސް ޔާމީން ގެންނަވާ ޒާތުގެ ތަރައްޤީކަމާއި އިދިކޮޅުން ގެންނަ ޖަޒީރާ ތަރައްޤީ އަށް ދިވެހި ރައްޔިތުން އަހުލުވެރި ނުވާނެ ކަން އިދިކޮޅު ކެންޑިޑޭޓު ވެސް މިހާރު ޤަބޫލުކުރައްވާ ކަމަށެވެ.
އިދިކޮޅު ކެންޑިޑޭޓް ރަށްރަށަށް ވަޑައިގެން ރައީސް ޔާމީން ކުރައްވަން ފެއްޓެވި މަސައްކަތްތައް ނިންމަން މަސައްކަތް ކޮށްދެއްވާނެ ކަމަށާއި އަދި ސަރުކާރުން މިހާރުވެސް ކުރިއަށްގެންދާ މަޝްރޫއުތައް ހަމަ އެގޮތަށް ކޮށްދެއްވާނެ ކަމަށް ވައުދުވެ ވަޑައިގަންނަވަނީ މި ސަރުކާރުގެ ތަރައްޤީގެ ސިޔާސަތު އިދިކޮޅަށް ވެސް ޤަބޫލުކުރެވޭތީ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ "ޖަޒީރާ ތަރައްޤީ" ގެނެސްދިނުމަށް އެމްޑީޕީ ސަރުކާރަށް ތިން އަހަރު ލިބުނު ކަމަށާއި އެހެންނަމަވެސް އެ ތަރައްޤީ ދިވެހިންނަށް ފެނިފައިނުވާ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމްގެ މެނިފެސްޓޯ ފޮތެއްގެ ސިފައިގައި ރައްޔިތުންނާއި ހަމައަށް ގެނެސްފައި ނުވިޔަސް، އެމަނިކުފާނު ގެންދަވަނީ ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި ޕީޕީއެމްގެ މެނިފެސްޓޯ ކިޔައިދެއްވަމުން ކަމަށެވެ.
އެގޮތުން ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފިނަމަ ތިމަރަފުށީގައި ބޭންކް ބްރާންޗެއް ޤާއިމްކުރައްވާނެ ކަމަށާއި، ތިމަރަފުށީގައި ހިއްކާފައިވާ ބިމުން ވަރަށް އަވަހަށް ގޯތި ދޫކުރާނެ ކަމަށާއި އަދި މި އަހަރުގެ ތެރޭގައި ތިމަރަފުށީގައި އަޅާފައިވާ އެއާޕޯޓުން ފެށިގެން ރަށު ބަނދަރާއި ހަމައަށް އޮންނަ މަގުގައި ތާރު އަޅައި ރަނގަޅު ފެންވަރަކަށް މަގު ހަދައިދޭނެ ކަމަށް ވެސް ރައީސް ޔާމީން ވައުދުވެވަޑައިގެންނެވި އެވެ.