Last Updated: June 24, 11:27
Wednesday, June 24, 2026
ޚަބަރު

ރީ-ރަޖިސްޓްރޭޝަނަށް 95،000 އަށް ވުރެ ގިނަ ފޯމު ހުށަހެޅި

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް - ފޮޓޯ: އީސީ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރަށްވެހިފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓު ލުމަށްޓަކައި ރީ-ރަޖިސްޓްރީކުރުމުގެ މުއްދަތު ހޮނިހިރު ދުވަހުގެ ނިޔަލަށް ހަމަވިއިރު، އެ މުއްދަތުގެ ތެރޭގައި 95،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހެޅި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީގެ ރައީސް އަހުމަދު ޝަރީފް އާއި ހަވާލާދީ "މިހާރު" ނޫހުން ރިޕޯޓްކުރާ ގޮތުގައި ރީ-ރަޖިސްޓަރ ކުރުމަށް 95،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާ ކަމަށާއި، އަދި ރަށްރަށުގެ ބައެއް ފޯކަލް ޕޮއިންޓްތަކަށް ހުށަހެޅި ފޯމުތަކުގެ މައުލޫމާތު އަދި ނުލިބޭތީ އެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެ ފޯމްތައް ޕްރޮސެސްކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނާތީ، ރީ-ރަޖިސްޓްރީވި މީހުންގެ ޖުމްލަ އަދަދު އެނގޭނީ ދެތިން ދުވަސް ފަހުން ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ 95،000 މީހުންނަކީ ރަޖިސްޓްރީވި މީހުންގެ އަދަދެއް ނޫން ކަމަށާއި ފޯމުތައް އެންޓާކޮށް ހުރިހާ ކަމެއް ނިމޭއިރު އެ އަދަދު މަދުވާނެ ކަމަށެވެ.

އިލެކްޝަންސް އިން ކުރިން ބުނި ގޮތުގައި ރީ-ރަޖިސްޓަރ ކުރުމަށް ހުށަހަޅާފައިވާ ފޯމުތަކުގެ ތެރޭގައި ސައްހަ ނޫން އަދި ރިޕީޓު ފޯމު ހުރުން އެކަށީގެންވުމާއެކު ރީ-ރަޖިސްޓްރީވި މީހުންގެ އަދަދު ކުރި އަށް އޮތް ތަނުގައި މަދުވެދާނެ ކަމަށެވެ.

2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރީ-ރަޖިސްޓްރީވެފައިވަނީ 58،000 މީހުންނެވެ. އެހެންކަމުން މި ފަހަރުގެ އިންތިޚާބުގައި ރީ-ރަޖިސްޓަރ ވުމަށް އެދި ފޯމު ހުށަހެޅި މީހުންގެ އަދަދު އާދަޔާ ޚިލާފަށް އިތުރުވެފައިވާތީ އިދިކޮޅު ފަރާތްތަކުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.