Last Updated: June 24, 11:27
Wednesday, June 24, 2026
ޚަބަރު

އިއްތިހާދުގެ ސަރުކާރެއްގައި މަޖިލިސް މިނިވާނެ: ފައިސަލް

އިއްތިހާދުގެ ކެންޑިޑޭޓް ދ. ހުޅުދެލީ ރައްޔިތުންނާއި މުޚާތަބު ކުރައްވަނީ - ފޮޓޯ: ޓްވިޓާ (އެމްޑީޕީ)

އިއްތިހާދު ސަރުކާރެއްގައި ރައްޔިތުންގެ މަޖިލިސް އޮންނާނީ ސިޔާސީ ނުފޫޒުތަކުން ސަލާމަތްވެފައި ކަމަށް ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ފައިސަލް މިހެން ވިދާޅުވީ ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ހުޅުދެލީ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ފައިސަލް ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލިސް ފެނިގެންދަނީ، މި ސަރުކާރުގެ ނުފޫޒު އެތަނުގައި ހިންގާ ސަރުކާރުގެ ކުޑަ މުއައްސަސާއެއްގެ ގޮތުގައި ކަމަށެވެ.

ސަރުކާރެއް ޖަވާބުދާރީ ކުރުވުމަކީ ރައްޔިތުން ބޭނުންވާނެ ކަމެއް ކަމަށާއި، އެހެންނަމަވެސް ވޭތުވެދިއަ ހަތަރު އހަރުގެ ތެރޭގައިވެސް މަޖިލީހުގެ ތެރެއިން ކަންކަން ހިނގަމުންދިޔައީ ރައްޔިތުންނަށްވުރެ ބޮޑަށް ވަކިބައެއްގެ ހިމާޔަތާ ރައްކާތެރިކަމަށް އިސްކަންދީގެން ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ އިއްތިހާދުގެ ސަރުކާރެއްގައި ރައްޔިތުންގެ މަޖިލިސް އޮންނާނީ ރައީސުލްޖުމުހޫރިއްޔާގެ މަޖިލީހެއްގަ ގޮތުގައެއް ނޫން ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލިސް ވެގެންދާނީ ޤާނޫނު އަސާސީއާ ޤާނޫނުތަކުން ލިބޭ ފުރިހަމަ ބާރު ލިބި، ރައްޔިތުން ބޭނުންވާގޮތަށް ރައްޔިތުންނަށް ރައްކާތެރިކަމާ ހިމާޔަތްކަންލިއްބައިދޭ ތަނަކަށް ކަމަށެވެ. އަދި ޤައުމު ތަރަށްޤީވެގެންދާ ގޮތަށް ޤާނޫނުތައް ހެދި އެ ޤާނޫނުތައް ތަންފީޒުކުރުމުގެ ފުރުސަތު ހުރިހާ މުއައްސަސާތަކަށް ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ބަޖެޓްގައި ހިމެނުމަށްފަހު ރައްޔިތުންނަށް ކަންކަން ނުކޮށްދޭކަމުގެ ޝަކުވާ ވަރަށް ގިނައިން ލިބެމުންދާކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ އިއްތިހާދުގެ ސަރުކާރެއްގައި އެންމެ އިސްކަންދޭނީ ރައްޔިތުންނަށް ކަމަށެވެ.

އަދި އިންތިޚާބުވުމަށްފަހު އަނެއްކާވެސް އިތުރު ދައުރަކަށް އިންތިޚާބުވުމަށް ކެމްޕެއިން ކުރާ ސަރުކާރަކަށް އިއްތިހާދުގެ ސަރުކާރު ވެގެން ނުދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.