Last Updated: June 24, 11:27
Wednesday, June 24, 2026
ޚަބަރު

ހދ. ގައި އިތުރު ރިސޯޓްތައް ހަދާނަން: އިބޫ

އިއްތިހާދުގެ ކެންޑިޑޭޓް ވައިކަރަދޫ ރައްޔިތުންނާއި މުޚާތަބު ކުރައްވަނީ - ފޮޓޯ: ޓްވިޓާ (އެމްޑީޕީ)

ހދ. އަތޮޅުގައި އިތުރު ރިސޯޓްތައް ތަރައްޤީކުރައްވައި ވަޒީފާގެ ފުރުސަތު ތަނަވަސް ކުރައްވާނެ ކަމަށް ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

އިބޫ މިހެން ވިދާޅުވީ ހދ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ވައިކަރަދޫ އަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދެންނެވުމަށް ފަހު ފަތުރުވެރިކަމުގެ ފައިދާ ނުލިބޭ އެ އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ ވައިކަރަމުރައިދޫގައި ރިސޯޓް ހަދައިދިނުމަށް އެދި ޕެޓިޝަނެއް ހުށަހެޅުމާއި ގުޅިގެންނެވެ.

ވަޒީފާގެ ދަތިކަމާ ހުރެ ވައިކަރަދޫއިން ގިނަ ބަޔަކު މާލެއަށް ހިޖުރަކުރަން ޖެހިފައިވާކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ އެކަން ހައްލުކޮށް، ރަށާ ކައިރިން ވަޒީފާގެ ފުރުސަތުތައް ގިނަ ކުރުމުގެ ގޮތުން، އިއްތިހާދުގެ ޓޫރިޒަމް ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން އެ ސަރަހައްދުގައި އިތުރު ރިސޯޓްތަކެއް ހުޅުވާނެ ކަމަށެވެ.

ހދ. އަތޮޅުގައި ވަރަށް ފަހުން 50 އެނދުގެ ހޮނޑާފުށި އައިލެންޑް ރިސޯޓް ވަނީ ހުޅުވާފަ އެވެ. އޭގެއިތުރުން ނާގޮއްޓާއި ކުޑަމުރައިދޫ ރިސޯޓް ތަރައްޤީ ކުރުމަށް ދޫކޮށްފައިވާތާ އެތައް އަހަރެއް ވީއިރު ވެސް މަސައްކަތް ނިންމާފައެއް ނުވެ އެވެ.

އިބޫ ވިދާޅުވީ އިއްތިހާދުގެ ސަރުކާރެއްގައި އެފަދަ އިންވެސްޓްމަންޓްތަކަށް ފައިސާ ލިބޭނެ ގޮތްތައް ހަމަޖައްސައިދޭނެ ކަމަށާއި ވައިކަރަދޫގައި ނަރުދަމާ އެޅުމުގެ މަސައްކަތް ވެސް ފަށާނެ ކަމަށެވެ.