އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު( އިބޫ) އަކީ ރައްޔިތުންގެ "ޕަޕެޓެއް" ކަމަށާއި ބޭރު ފަރާތްތަކުގެ މަންދޫބެއް ނޫން ކަމަށް އެމަނިކުފާނުގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
މާރިޔާ މިހެން ވިދާޅުވީ އިދިކޮޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އިބޫ ވެރިކަމަށް ހޮވިވަޑައިގެންފިނަމަ، އެމަނިކުފާނު ވެގެންދާނީ ކުރީގެ ރައީސް ނަޝީދުގެ ޕަޕެޓަކަށް ކަމަށް ސިފަކޮށް ސަރުކާރުން ފާޑުވިދާޅުވަމުން ގެންދެވަތާތީ އެކަމަށް ރައްދުދެއްވަމުންނެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާއަކަށް ނުކުންނަ ބޭފުޅަކީ ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދެއްވާ ބޭފުޅަކަށް ވާންޖެހޭކަން ފާހަގަކުރައްވައި މާރިޔާ ވިދާޅުވީ އިބޫ އަކީ އަބަދުވެސް ރައްޔިތުންގެ މަންދޫބެއް ކަމަށާއި އެމަނިކުފާނު ތަމްސީލް ކުރައްވާނީ ރައްޔިތުން ކަމަށާއި އަދި ވާނީ ރައްޔިތުންގެ ޕަޕެޓަކަށް ކަމަށެވެ.
އަދި ޕީޕީއެމްގެ ރަނިންމޭޓް ޑރ.ޝަހީމް، އިބޫ އަކީ ބޭރުގެ ފަރާތްތަކުގެ މަންދޫބެއްގެ ގޮތުގައި ސިފަކުރައްވާފައިވާތީ އެކަމަށް ރައްދުދެއްވަމުން މާރިޔާ ވިދާޅުވީ އިބޫ އަކީ ރައްޔިތުންގެ މަޖިލީހުގައި 25 އަހަރު ވަންދެން ރައްޔިތުން ތަމްސީލު ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި ނަމަވެސް ޑރ.ޝަހީމް މިހާތަަނަށް ރައްޔިތުންގެ ވޯޓަކުން އިންތިޚާބުވެގެން އިށީނދެވަޑައިގަތް ގޮނޑިއެއް ނެތް ކަަމަށެވެ.
މާރިޔާ ވިދާޅުވީ ޤާނޫނު އަސާސީގައި ބާރުތައް ވަކިކުރެވިފައިވާއިރު، ރައީސަކީ ރައްޔިތުން ބަޖެޓު ހަވާލުކުރުމުން ޤާނޫނު އަސާސީއާ އެއްގޮތަށް ރައްޔިތުންނަށް ކަންކަން ކޮށްދިނުމަށް ހުންނަ މީހެއް ކަމަށެވެ.
މީގެ އިތުރުން މާރިޔާ ވިދާޅުވީ ރައީސް ޔާމީނަށް ފުއްދުނު ވައުދެއް ނެތް ކަމަށާއި ވެރިކަން ކުރައްވަނީ ގާނޫނުއަސާސީ އެއްފަރާތްކޮށްފައި ހިތްޕުޅަށް އައިހާ ގޮތަކަށް ކަމަށެވެ. ނަމަވެސް އިއްތިހާދުގެ ވެރިކަމެއްގައި ރައީސް ޔާމީން ކަންތައް ކުރައްވާ ގޮތަށް ކަންކަން ނުކުރާނެ ކަމަށާއި، އެބޭފުޅުން ތިއްބަވާނީ ރައްޔިތުންގެ ޚާދިމުންގެ ގޮތުގައި ކަމަށެވެ.