Last Updated: June 24, 11:27
Wednesday, June 24, 2026
ޚަބަރު

ރިޓަޔާ އުުމުރު މަތިވުމުން އިނާޔަތް ބޮޑުވާނެ: ރައީސް

ރައީސް ޔާމީން ތ. ވޭމަންޑޫގެ ރައްޔިތުންނާއި މުޚާތަބުކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް

ރިޓަޔާ ކުރާ އުމުރަކީ 74 އަހަރު ނުވަތަ 75 އަހަރު ކަމަށް ހެދުމަށް ހުށަހެޅުއްވީ، މަޖުބޫރުން ރިޓަޔާ ކުރުވަން ނޫން ކަމަށާއި އެ ބަދަލު ގެނައުމުން ރިޓަޔާ ކުރާ މީހުންނަށް ލިބޭ އިނާޔަތް ބޮޑު ވެގެންދާނެ ކަމަށް ވެސް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ތ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ތ. ވޭމަންޑޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ ހުވަދު އަތޮޅުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅު އިދިކޮޅު ފަރާތްތަކުން އޮޅުވާލައިގެން ދައްކަމުންދާ ކަމަށާއި، 65 އަހަރު ފުރުމުން ބޭނުންވާ ފަރާތްތަކަށް ރިޓަޔާ ކުރެވޭނެ ކަމަށާއި، އެ ފަރާތްތަކަށް އުމުރުން ދުވަސްވީ މީހުންގެ އިނާޔަތް ވެސް ލިބޭނެ ކަމަށެވެ.

އެހެންނަމަވެސް 65 އަހަރު ފުރުމުންވެސް މަސައްކަތުގައި ދެމިހުންނަށް ބޭނުންވާ ފަރާތްތަކަށް ސަރުކާރާއި ސިވިލް ސާވިސްގައި ވެސް ވަޒީފާ އަދާކުރެވެނެ ކަމަށާއި އޭރުން ދުވަސްވީ މީހުންގެ އިނާޔަތަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށެވެ.

ރައީސް ޔާމީން މިއަދު މިހެން ވިދާޅުވިއިރު، އެމަނިކުފާނު ހުވަދުއަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި ގދ. ފަރެސްމާތޮޑާގައި ރައްޔިތުންނާއި މުޚާތަބު ކުރައްވައި، ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފިނަމަ ރިޓަޔާ ކުރާ އުމުރު 74 ނުވަތަ 75 އަހަރަށް ބަދަލުކުރައްވާނެ ކަމަށް ވިދާޅުވުމުން، ދުވަސްވީ މީހުންނަށް ދޭ އިނާޔަތް ކަނޑާލަނީ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ 65 އަހަރުގައި ރިޓަޔާ ކުރަން ޖެހޭނެ ކަމަކަށް ޤަބޫލެއް ނުކުރައްވާ ކަމަށާއި، ދިއިރުޅުމުގެ ވައްޓަފާޅިއާއި ސިއްޙީ ކަންކަމަށް އައިސްފައިވާ ބަދަލުތަކާއި، ފަރުވާ ދިނުމުގައި ހުރި ފަސޭހަތަކަށް ބަލާއިރު އެ ޤާނޫނަށް ވެސް ބަދަލު ގެންނަން ޖެހޭ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ 65 އަހަރަކީ އެއްގޮތަކަށް ވެސް މީހުން މަސައްކަތް ނުކޮށް ތިބެން ޖެހޭ އުމުރެއް ނޫން ކަމަށާއި އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު ސަރުކާރުން ކުރާނެ މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ އެއް ކަމަކަށް ރިޓަޔާ ކުރާ އުމުރު 75 އަކަށް ބަދަލުކުރެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.

މީގެ ކުރިން މި ސަރުކާރުން ވަނީ އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ލިބޭ އިނާޔަތް 5000 ރުފިޔާއަށް އިތުރުކޮށްފަ އެވެ. އެހެންކަމުން، އެ ޤާނޫނަށް ބަދަލު ގެނައުމާއެކު އިނާޔަތް ލިބޭ އުމުރުވެސް 75 އަހަރަށް ބަދަލުވާނެ ކަމަށް ލަފާކުރެވެއެވެ.