Last Updated: June 24, 11:27
Wednesday, June 24, 2026
ޚަބަރު

ހިތަދޫގެ 11 މަގެއްގައި ތާރު އަޅާނެ: ޒިޔާދު

ހިތަދޫ ބޮޑު މަގު.

އައްޑޫ ސިޓީ ހިތަދޫގެ 11 މަގެއް ތާރު އަޅައިގެން ޒަމާނީ ފެންވަރަކަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްގެ "މެނިފެސްޓޯ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހައުސިންގ މިނިސްޓްރީން އައްޑޫ ސިޓީއަށް ކަނޑައަޅާފައި ހުންނެވި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަބްދުﷲ ޒިޔާދު ވިދާޅުވީ އައްޑޫ ސިޓީގައި ހައުސިންގ މިނިސްޓްރީން ވަރަށް ގިނަ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

ޒިޔާދު ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ކޮށްފައިވާ ކަންތައްތަކުން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ޙައްލު ކޮށްދިނުމަށްވެސް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

އެގޮތުން ހިތަދޫގެ 11 ހުރަސް މަގެއްގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ހުޅުމީދޫގައިވެސް ވަރަށް ބޮޑު މަގެއް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޒިޔާދު ވިދާޅުވީ ހުޅުމީދުގައި ތަރައްޤީކުރާ މަގަކީ މާލޭގެ މަޖީދީ މަގު ކަހަލަ ދިގު މަގެއް ކަމަށާއި، އެ މަސައްކަތް ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

މީގެ އިތުރުން ހުޅުމީދޫގައި ދުވަސްތަކެއް ވަންދެން އަލިނުކޮށް ހުރި މަގުތައް އަލި ކުރުމުގެ މަސައްކަތްވެސް ހައުސިންގ މިނިސްޓްރީން ކުރަމުން އަންނަކަމަށް އޭނާ ވިދާޅުވި އެވެ.

ހައުސިންގ މިނިސްޓްރީން މިހާރުވެސް ދަނީ އައްޑޫ ސިޓީގެ ތާރު އަޅާ މަގުތައް ލެވެލްކުރުމާއި ޖަންކްޝަން ބަހައްޓާނެ ސަރަހައްދުތައް ކޮނެ ބެހެއްޓުމުގެ މަސައްކަތް ކުރަމުންނެވެ.