ކޮރަޕްޝަނުގެ މަގުން ދައުލަތުގެ ޚަޒާނާއިން ގެއްލިފައިވާ ފައިސާ ހޯދޭނީ އިދިކޮޅަކަށް ނޫން ކަމަށް ރައީސުލް ޖުމުހޫރިއްޔާ އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެއެވެ.
ގެއަށް ވަދެފައިވަނީ ހަލާލު ފައިސާ ނޫން ކަމަށް އެނގިފައިވާ ކަމަށް އަމިއްލައަށް އިއުތިރާފްވެފައިވާ ގައުމުގެ ރައީސް މިހާރު ތ. އަތޮޅަށް ކުރައްވަމުންދާ ކެމްޕޭނު ދަތުރުފުޅުގައި މިއަދު ކަނޑޫދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި ވަނީ އިދިކޮޅު ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހް، ގެއްލިފައިވާ ފައިސާ ހޯދުމަށް ކޮމިޓީއެއް އުފައްދާނެ ކަމަށް ވެވަޑައިގެންފައިވާ ވައުދަށް ރައްދު ދެއްވާފައެވެ.
އިބޫ ވަނީ ވެރިކަމަށް ހޮވިވަޑައިގެންފިނަމަ ވެރިކަމުގެ ފުރަތަމަ ދުވަހު ދައުލަތުން ގެއްލުނު ފައިސާ ހޯދުމަށް އެކަމަށް ގާބިލު ޚާއްސަ ކޮމިޓީއެއް އުފައްދަވާނެ ކަމަށެވެ. ނަމަވެސް ރައީސް ޔާމީން ވަނީ އެގާބިލިއްޔަތު ކަމެއް އިދިކޮޅު ކޯލިޝަނުގައި ނެތް ކަމަށް މިއަދު ވިދާޅުވެ، އިދިކޮޅަށް ރައްދު ދެއްވާފައެވެ.
ރައީސް ވަނީ އެމްޑީޕީން ރާއްޖޭގެ ވެރިކަމަށް އައުމަށް ފަހު ރާއްޖޭގެ ތާރީޚުގައި ހިނގި އެންމެ ބޮޑު ކޮރަޕްޝަން، އެފްޕީއައިޑީ މައްސަލައިގެ ތަހުގީގުވެސް ނިމިފައިވާއިރު އެބޭފުޅުންނަށް ގެއްލުނު އެ ލާރިވެސް ނުހޯދުނު ކަމަށް ވިދާޅުވެފައެވެ. އަދި އޭރުވެސް ޓީމުގައި ތިއްބެވި ބޭފުޅުން މިހާރުވެސް ތިއްބެވުމުން އެކަން ނުކުރެވޭނެކަން ސާފު ކަމަށް ޔާމީން ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ރިޔާސީ ކޮމިޝަނެއް ކޮރަޕްޝަނުގެ މައްސަލަ ބެލުމަށް އުފެއްދި ކަމަށާއި ނަމަވެސް އެ ކޮމިޝަނަށް ކުރެވުނުހާވެސް ކަމަކީ ކުރީގެ ރައީސް މައުމޫނާއި ދެބޭފުޅުން ހާޒިރުކޮށް ބިރުދެއްކުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އަދި ގެއްލުނު ފައިސާ ހޯއްދަވަން ކިރިޔާވެސް މަސައްކަތެއް ކުރައްވަނީ އެމަނިކުފާނުގެ ސަރުކާރުން ކަމަށާއި އެކަން ހަލުވިކަމާއެކު ކުރިއަށް ނުދަނީ އެއީ ގާނޫނީ މަރުހަލާއެއްގެ ދަށުން ކުރިއަށްގެންދާން ޖެހޭ ކަމަކަށް ވާތީ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ނަމަވެސް އެމަނިކުފާނުގެ ގެއަށް ވަދެފައިވާ ނަހަލާލު ފައިސާއަށް ހެއްދެވި ގޮތެއް ނުވަތަ ފައިސާ ގޯނި އުފުލި މެމްބަރުގެ ވާހަކައެއް ވެސް މިއަދުގެ ޖަލްސާގައި ރައީސް ޔާމީން އަލިއަޅުވާލާފައި ނުވާކަން ފާހަގަކޮށްލެވެއެވެ.