Last Updated: April 26, 15:02
Friday, April 26, 2024
ޚަބަރު

ކުޅުދުއްފުށި ސިޓީއަކަށް ހަދައި، އެއާޕޯޓް ނިންމާނަން: އިބޫ

އިއްތިހާދެއްގެ ސަރުކާރެއްގައި ހދ. ކުޅުދުއްފުށި ސިޓީ އަކަށް ބަދަލުކޮށް ތަރައްޤީ ކުރައްވާނެކަމަށް އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުުފުޅުގައި ރޭ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި އިބު ވިދާޅުވީ އިއްތިހާދުގެ ވެރިކަމެއްގައި ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި އާބަން ސެންޓަރުތައް ހައްދަވާނެކަމަށާއި އެގޮތުން އެއް އާބަން ސެންޓަރަކީ ކުޅުދުއްފުށި ކަމަށެވެ.

އިބޫ ވިދާޅުވީ ކުޅުދުއްފުށީގައި މިހާރު ހިނގާ އެންމެ ބޮޑު މަޝްރޫއަކީ އެއާޕޯޓު އެޅުމުގެ މަސައްކަތް ކަމަށާއި، އެމަސައްކަތަކީ ރައްޔިތުން ވަރަށް ބޮޑަށް އެދިއެދި އޮތް ކަމެއްކަން އެނގޭކަމަށެވެ. އެހެންވެ އެމަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގެންގޮސް ރައްޔިތުންނަށް އެއާޕޯޓުގެ މަންފާ ހޯދައިދޭނެކަމަށެވެ.

މީގެ އިތުރުންވެސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހޮސްޕިޓަލް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ހިދްމަތްދޭނެކަމަށް އިބޫ ވައުދުވެވަޑައިގެންނެވިއެވެ.

ކުޅުދުއްފުއްޓަކީ ބޯހިޔާވަހިކަމުގެ ދަތިކަން އޮތް ރަށެއްކަން ފާހަގަކޮށް އެމްޑީޕީ ސަރުކާރުން އެރަށުގައި އެޅި 160 ފްލެޓު ނުދީ ވީރާނާ ވާން ދޫކޮށްލާފައިވާ ކަން ފާހަގަކޮށް އިއްތިހާދެއްގެ ސަރުކާރެއްގައި އޭގެ ހައްގުވެރިންނަށް ފްލެޓު ދެއްވާނެކަމަށް އިބޫ ވިދާޅުވިއެވެ.

މީގެ އިތުރުން ކުޅުދުއްފުށީ ރީޖަނަލް ބަނދަރަށް ބޮޑެތި އާގު ބޯޓު ކައިރިކުރެވޭނެ ގޮތް ހަދައި، އެބަނދަރަށް ގެންނަ މުދަލުން ޑިއުޓީ ކުޑަކޮށް ޓެކްސްއަށް ހެޔޮ ބަދަލެއް ގެނެސްދެއްވާނެކަމަށް ވައުދުވެވަޑައިގެންނެވިއެވެ.

ކުޅުދުއްފުށީ ހުޅަނގު ފަރާތުގައި ހިއްކާފައިވާ ބިމުގައި ވިޔަފާރި ބަނދަރެއް ހަދައި އެތަނުގައި ސިޓީ ހޮޓާ އޅުމަށް ދޫކުރައްވާނެކަމަށް އިބޫ ވިދާޅުވިއެވެ.