Last Updated: June 11, 13:15
Thursday, June 11, 2026
ކުޅިވަރު

ސިލްވާ ގައުމީ ޓީމުން ރިޓަޔާކޮށްފި

މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ސްޕެއިން ގައުމީ ޓީމުގެ މިޑްފީލްޑަރު ޑޭވިޑް ސިލްވާ ގައުމީ ފުޓުބޯޅައިން ރިޓަޔާކޮށްފިއެވެ.

ސިލްވާ ސްޕެއިން ގައުމީ ޓީމަށް އަލްވަދާއު ކިޔާފައިވާކަން އިއުލާން ކުރީ އިއްޔެ، ސޯޝަލް މީޑިޔާ މެދުވެރިކޮށް އާންމު ކުރި ބަޔާނެއްގައެވެ.

ސިލްވާ ވަނީ 2006 ވަނަ އަހަރު ސީނިއާ ޓީމަށް ކުޅުން ފެށުމަށް ފަހު 125 ފަހަރު ގައުމު ތަމްސީލު ކޮށްފައެވެ. އަދި އޭނާ ވަނީ 35 ލަނޑުވެސް ގައުމީ ޓީމަށް ޖަހާ ދީފައެވެ. މިހާރު އުމުރުން 32 އަހަރު ވެފައިވާ ސިލްވާ ބުނެފައިވަނީ ގައުމު ތަމްސީލު ކުރުމަށް ފުރުސަތު ލިބުމަކީ އޭނާ އަބަދުވެސް ފަޚުރުވެރި ވާނެ ކަމެއް ކަމަށެވެ.

އަދި ގައުމީ ޓީމާ ވަކިވާން ނިންމީ ވަރަށް ގިނަ ދުވަސްވަންދެން އެކަމާ ވިސްނުމަށް ފަހުގައި ކަމަށާއި ގައުމީ ޓީމާއެކު ކުރެވިފައިވާ ތަޖުރިބާ ތަކަކީ ދުވަހަކުވެސް ހަނދާނުން ފިލާނެ ތަޖުރިބާ ތަކެއް ނޫން ކަމަށް އޭނާ ބުނެފައިވެއެވެ.

ސިލްވާގެ އިތުރުން ޑިފެންޑަރު ޖެރާޑް ޕީކޭ ވެސް ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައެވެ. ޕީކޭ ބުނެފައިވަނީ އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލީ އާ ކޯޗު ލުއިސް އެންރީކޭ އާ މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ.