Last Updated: June 11, 13:15
Thursday, June 11, 2026
ޚަބަރު

ރީ-ރަޖިސްޓްރޭޝަން ފޯމުތައް މިއަދު ނިމޭނެ: އީސީ

އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ - ފޮޓޯ: ވަގުތު (އަމީން ފަހްމީ)

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ރަށްވެހިވެފައިވާ ރަށް ނޫން އެހެންތަނެއްގައި ތިބި ފަރާތްތަކުން ހުށައަޅާފައިވާ ރީ-ރަޖިސްޓްރޭޝަން ފޯމުތައް މިއަދުގެ ނިޔަލަށް ޕްރޮސެސްކޮށް ނިމޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އީސީގެ މެމްބަރު އަހުމަދު އަކުރަމް ވިދާޅުވެފައިވަނީ މިފަހަރު 95،000 ފޯމު ރީރަޖިސްޓާ ކުރުމަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް ސައްހަ ނޫން ފޯމުތައް އުނިކުރުމުން އެ އަދަދު މަދުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެ ހުރިހާ ފޯމުތައް މިއަދުގެ ނިޔަލަށް ޕްރޮސެސްވެ ނިމޭނެ ކަމަށް ވެސް އޭނާ ލަފާކޮށްފައިވެއެވެ. އަކުރަމް އިތުރަށް ވިދާޅުވެފައިވަނީ އީސީގެ މެމްބަރުން ހުރިހާ ފޯމެއް މިއަދުގެ ނިޔަލަށް ޕްރޮސެސްކޮށް ނިންމުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓު ފޮށިތަކާއި ބޫތުތައް މިހާރު ރަށް ރަށަށް ފޮނުވަން ފަށާފައެވެ. ވޯޓާސް ރަޖިސްޓްރީގައި ވާ ގޮތުން މިފަހަރު 263،183 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައިވެއެވެ.