Last Updated: June 11, 13:15
Thursday, June 11, 2026
ޚަބަރު

އިބޫ ވައުދުވީ ފަސް އަހަރަށް: ފަޔާޒް

ޖޭޕީ ނައިބު ލީޑަރ ފަޔާޒް: ފޮޓޯ - މިހާރު

އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާއި ރަނިންމޭޓް ފައިސަލް ނަސީމް ވައުދުވެވަޑައިގެންފައި ވަނީ ފަސް އަހަރުގެ ދައުރަކަށް ކަމަށާއި އޭގެ ކުރިން، ދޮޅު އަހަރުން އިސްތިއުފާއެއް ނުދެއްވާނެ ކަމަށް ޖުމުހޫރީ ޕާޓީގެ ނައިބު ލީޑަރު މުހައްމަދު ފަޔާޒް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީނާއި ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ދޮޅު އަހަރުން އިބޫ އިސްތިއުފާ ދެއްވަފާނެތޯ ސުވާލު ކުރައްވަމުން އަންނަ މި ދަނޑިވަޅުގައި ފަޔާޒް ޓުވިޓާ މެދުވެރިކޮށް ވިދާޅުވެފައިވަނީ ކޯލިޝަން ވައުދުވީ ފަސް އަހަރުގެ ދައުރަކަށް ކަމަށާއި އެހެންކަމުން އެ ފަސް އަހަރު ހަމަކުރައްވާނެ ކަމަށެވެ.

އަދި އެއްވެސް ޕާޓީއެއް ނުވަތަ ލީޑަރެއްގެ ނުފޫޒު ރައީސަކަށް ނޯންނާނެ ކަމަށް އެފްއޭ ފަޔާޒްގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ. ރައީސް އަބްދުﷲ ޔާމީން ވަނީ މީގެ ކުރިން، ދޮޅު އަހަރު ފަހުން ދެން ސޫރަވާނީ ކާކުގެ މޫނެއްތޯ ސުވާލު އުފައްދަވާފައެވެ.

ދޮޅު އަހަރުގެ ދައުރެއްގެ ވާހަކަ ދައްކާފައިވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ. ނަޝީދު ވިދާޅުވީ އިންތިގާލީ ދޮޅު އަހަރުގެ ދައުރަކަށް ފަހު ހުރިހާ ކެންޑިޑޭޓުންނަށް މިނިވަން ކަމާއެކު ވާދަކުރުމަށް އަލުން އިންތިޚާބެއް ބާއްވާނެ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ނަޝީދު ނުވަތަ އިބޫ އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރު، އިބްރާހިމް މުހައްމަދު ދީދީ ވަނީ އިބޫ ފަސް އަހަރަށް ވެރިކަމުގައި ހުންނަވާނެ ކަމަށް ވިދާޅުވެފައެވެ.