ރިޔާސީ އިންތިޚާބަށް ރީ-ރަޖިސްޓާވި މީހުންގެ ލިސްޓުގެ ސައްހަކަން ކަށަވަރުކޮށް ނުދެނީސް ވޯޓާސް ލިސްޓުގައި ސޮއި ކުރައްވަން އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ދެކޮޅު ހައްދަވައިފިއެވެ.
އިބޫ ވިދާޅުވެފައިވަނީ ވޯޓު އޮޅުވާލުމަށް މަގުފަހިވާ ވަރަށް ގިނަ އަމަލުތަކެއް ކުރަމުން ދާތީ، މަކަރެއް ނެހެދޭނެކަން ކަށަވަރު ކޮށްދެއްވަން އިލެކްޝަންސް ކޮމިޝަނުން ޖެހޭ ކަމަށެވެ. އަދި އިންތިޚާބުން މަކަރު ހެދުމުގެ ޖާގައެއް ނުދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިބޫ ވަނީ މިފަހަރު 95،000 މީހުން ރީ-ރަޖިސްޓާ ވުމަށް ހުށައަޅާފައިވާ ކަމަށް އީސީން ހާމަކޮށްފައިވާތީ އެއަދަދު މާގިނަ ކަމަށާއި އޭގެ ސައްހަ ކަމާމެދުވެސް ސުވާލު އުފެދޭ ކަމަށް ވިދާޅުވެފައެވެ.
އީސީން ބުނެފައިވަނީ 95،000 ފޯމު ހުށައެޅިފައި ވިޔަސް ސައްހަ ނޫން ފޯމުތައް އުނިކުރުމުން އެއަދަދު ދަށްވާނެ ކަމަށެވެ. އަދި މިއަދު ހުރިހާ ފޯމެއް ޕްރޮސެސްކޮށް ނިމޭނެ ކަމަށް އީސީން ބުނެފައިވެއެވެ.
އިބޫ ވަނީ މީގެ ކުރިންވެސް ރައީސް ޔާމީން އިންތިޚާބު އޮޅުވާލަން މަސައްކަތް ކޮށްފާނެ ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް މަކަރު ހެދިޔަސް، ރައީސް ޔާމީން ބަލިކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އިބޫ ވިދާޅުވިއެވެ. ސަރުކާރަށް ތާއީދު ކުރާ ބޭފުޅުން ވިދާޅުވަނީ ސަރުކާރުގެ ސިޔާސަތުތަކާ އިދިކޮޅަށް ވާދަ ނުކުރެވޭނެ ކަމަށެވެ.
އަދި ރައީސް ޔާމީންގެ ވައުދުތައް އިދިކޮޅުން ކޮޕީ ކުރަމުން އަންނަ ކަމަށް ވެސް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރ، އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެފައިވެއެވެ.