އިދިކޮޅު ފަރާތްތައް ފޫހިފިލުވަން ވަގުތު ނުދެއްވާނެ ކަމަށާއި އެބޭފުޅުންނަށް ޖެހި ވަޑައިގަންނަވާނީ ދައްކަވާ ވާހަކަ އަޑު އައްސަވަން ކަމަށް ރައީސުލް ޖުމުހޫރިއްޔާ އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން ތ. ބުރުނީއަށް ވަޑައިގެން އަނެއްކާވެސް އިދިކޮޅަށް ބަހުގެ ހަމަލާތަކެއް ފޮނުވަމުން ވިދާޅުވީ، އެމަނިކުފާނުގެ ވާހަކަތަކަށް ރައްދުދެއްވަން އިދިކޮޅުން ކަނުލާ އަޑުއައްސަވަން ޖެހޭނެ ކަމަށެވެ. އަދި އެބޭފުޅުން ފޫހިފިލުވުމަށް ވަގުތެއް ދެއްވުމުގެ ޚިޔާލެއް ނުބަހައްޓަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ކައިރި މާޒީގައި ކަން ހިނގާދިޔަ ގޮތް ހަނދާނަށް ގެންނަވާނެ ކަމަށާއި އެމަނިކުފާނުގެ މެނިފެސްޓޯއަށް ފަހަރަކު ބޮޅެއް އިތުރު ކުރައްވަމުން ގެންދަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ގިނަ ވައުދުތަކެއް ކޮޅުމަޑުލު ރައްޔިތުންނަށް އިއްވަމުންދާއިރު އިދިކޮޅު އިއްތިހާދުގެ ކުރީ ސަފުގައި ތިއްބެވި ބޭފުޅުން އަންނަނީ ވައުދުތަކަށް ރައްދު ދެއްވަމުންނެވެ. އަދި އިދިކޮޅު ކެންޑިޑޭޓް އިބޫ ދައްކަވާ ވާހަކަތަކަށް ސީދާ ރައީސް ޔާމީން ވެސް ރައްދު ދެއްވަމުން އަންނަތަން ފަހަކަށް އައިސް ފެނެމުން ދެއެވެ.
އިބޫ ވަނީ ރައީސް ޔާމީނާއެކު ބަހުސަކަށް ވަޑައިގަތުމަށް މިހާރުވެސް ތައްޔާރު ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ރައީސް އަދި އެކަމާ ގުޅޭ ގޮތުން އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.