Last Updated: June 11, 13:15
Thursday, June 11, 2026
ޚަބަރު

ބޭނުމީ ވެރިކަމެއް ނޫން، ދީން ހިމާޔަތް ކުރުން: ޝަހީމް

ރައީސް ޔާމީންގެ ރަނިންމޭޓު ކަމަށް އައީ ވެރިކަން ހޯދުމަށް ނޫން ކަމަށާއި ހަމައެކަނި މަގުސަދަކީ ދިވެހި ރާއްޖޭގައި އިސްލާމް ދީނަށް ޚިދުމަތް ކުރުން ކަމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިހާރު ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެރަށު މާގަލަން އަވަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވަނީ ކުރީގެ ދެ ނައިބު ރައީސުންނަށް ފާޑުވިދާޅުވެފައެވެ.

ޝަހީމް ވިދާޅުވީ، ކުރީގެ ދެނައިބު ރައީސުންގެ ތެރެއިން އެއް ބޭފުޅަކު ޖަލުގައި، އަނެއް ބޭފުޅާ ބޭރަށް އަރުވާލެވިގެން ހުރުމުން ވަރަށް ގިނަ ބޭފުޅުން އެމަގުން ހިނގަން ބޭނުންފުޅުވާތޯ ސުވާލު ކުރަމުން އަންނަ ކަމަށެވެ.

އަދި އެބޭފުޅުންނަށް ދޭން ބޭނުންވާ ޖަވާބަކީ ކުރީގެ ދެނައިބުރައީސުންނަށް ޖިނާއީ ތުހުމަތު ކުރީ ވެރިކަމާ ތޮޅެން ފެށުމުން ކަމަށާއި އެފަދަ ކަމެއް ކުރުމަށް ގަސްދު ނުކުރާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

އަދި އޭނާގެ މަގުސަދަކީ ދީނަށް ޚިދުމަތް ކުރުން ކަމަށާއި އެހެން ޚިޔާލެއް ފިކުރެއް ނެތް ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޚަބަރު ލިބޭ ގޮތުގައި ފުވައްމުލަކު ދަތުރު ނިންމަވާލެއްވުމަށް ފަހު ދެން ޝަހީމް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ އަށެވެ.